ޔޫތް މިނިސްޓްރީން ބުނާގޮތުގައި 16-18 އާ ދެމެދުގެ އުމުރު ފުރައަށް އަމާޒު ކުރާ މި ފެސްޓިވަލްގައި އަރޓްސް، ކްކަރީ، ހޭންޑީ ކްރާފްޓްގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމަނާފައިވާނެ ކަމުގައި އެވެ.
އެގޮތުން، އަތްތެރި މަސައްކަތް، ލައިވް އަރޓް ސްޓޭޝަން، ކްލޭ އަރޓްސް، ހެނާ އަރޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ، އެސެސަރީޒް ވޯކް ހިމެނޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.
މީގެ އިތުރުން ލައިވް އަރޓް ސްޓޭޝަންގެ ބައިތަކުގެ ތެރޭގައި ޑިޖިޓަލް އަރޓްސް، 3ޑީ އެނިމޭޝަން ހިމެނޭ އިރު، ލަވަކިޔުން، ނެށުން، ބޮޑުބެރު، ޑްރާމާ، ފްރީސްޓައިލް އަދި އިންސްޓްރުމެންޓް ކުޅުން، ކޮންޓެންޓް ކްރިއޭޝަން، އޯޕަން މައިކް، ސްޓޭންޑްއަޕް ކޮމެޑީ އަދި ސްޓޯރީ ޓެލިން ފަދަ ހުނަރުތައް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައި އެވެ.
3 ދުވަހަށް ކުރިއަށް ދާ މި ފެސްޓިވަލް އަކީ އާންމުންނަށް ޒިޔާރަތް ކުރެވޭނެ ފެސްޓިވަލެއް ކަމަށް ވާއިރު، ފެސްޓިވަލްގެ ބައިވެރިން ތައްރާރު ކުރާ ތަކެތި ވިއްކުމުގެ ފުރުސަތު އެ ބައިވެރިންނަށް ލިބިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ޔޫތު މިނިސްޓްރީން ބުނީ، ލިޓް ފެސްޓުގައި ބައިވެރިވުމަށް ޒުވާން ކުދިން ހުށަހަޅަމުން އަންނަ ކަމަށާއި، އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ބެލެނިވެރިޔަކާއެކު ބައިވެރިވާން ޖެހޭ ގޮތަށް ކަމަށެވެ.
އަދި ބައިވެރިވުމަށް ފޭސްބްކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މި ފެސްޓާ ގުޅޭ ގޮތުން ހިއްސާ ކޮށްފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެން ބައިވެރިވެވޭނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.
މި ފެސްޓިވަލްގައި ބައިވެރިވާ ޒުވާނުންގެ އަދަދު ގިނަ ނަމަ، ފުރުސަތު ލިބިގެން ދާނީ ބައިވެރިވާ ތަރުތީބުން ކަމުގައި ވެސް އެ މިނިނިސްޓްރީން ބުނެފައި ވެއެވެ