މިއަދު އިސްކަންދަރު ކޮށީގައި ބޭއްވުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑްރަގް އެންފޯސްމަންޓުގެ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ފާތިހް މުހައްމަދު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޖުމްލަ 50 ތަނެއް ފާހަގަކުރެވޭއިރު މާޅޭގައި އެފަދަ ވިޔަފާރިކުރާ އެކްޓިވް 30 ތަނެއް ފާހަގަކުރެވިފައިވާކަމަށާއި މިއަހަރު އޭގެ ތެރެއިން 11 ތަނެއް ބަންދުކޮށްފައިވާ ކަމުގައި އެވެ.
މީގެ އިތުރުން ވެސް އިތުރަށް 20 ވަރަކަށް ތަން އަދިވެސް މާލޭގައި ހުރިކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އިދާރާތަކުންދަނީ ފުޅާދާއިރާއެއްގައި ގިނަ އޮޕަރޭޝަންތައް ހިންގަމުދާ ކަމަށާއި މި އޮޕަރޭޝަންގެ ތެރޭގައި ކަނޑާއި އަދި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ކުރި މަސައްކަތް ހުއްޓުވުމަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 20ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިޔަ އެކި އޮޕަރޭޝަންތަކުގައި 498.99 ކިލޯގެ މަސްތުވާތަކެއްޗާއި 6860 ފުޅި ނުވަތަ ދަޅުގެ ބަނގުރާ އަތުލައިގަނެވިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި މީގެ މަގުމަތީ އަގު 975 މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަކަމަށް ފުލުހުން ފާހަގަކޮށްފައިވެ އެެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންގޮސްފައިވާ އޮޕަރޭޝަންތަކުގައި ޓްރެފިކިންގެ މިންގަނޑަށް ފެތޭ 16024 މީހުންނާއި ސުވާލުކޮށްފައިވާކަމަށް ފުލުހުން ހާމަ ކުރި އެވެ.
މީގެތެރެއިން 997 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު މަސްތުވާތަކެތީގެ 188 އޮޕަރޭޝަންވަނީ ހިންގާފައެވެ. މީގެތެރެއިން ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 137 މީހަކު ހިމެނޭތީ އެމީހުން ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް ފޮނުވާލުމަށް، މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
އަދި މީގެތެރެއިން 301 މީހަކަށް ޑްރަގް ކޯޓު މެދުވެރިކޮށް ފަރުވާގެ ނިޒާމަށް ފޮނުވިފައިވާކަމަށް ފުލުހުން ފާހަގަ ކޮޮށްފައިވެ އެވެ.
ފުލުހުން ވިދާޅުވީ ކުރިއަށް އޮތ ދުވަސްތަކުގައިވެސް މާލެއާއި އަތޮޅުތަކުގައިވެސް ތަންތަން ކުއްޔަށް ހިފައިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާނަމަ އެކަންކަން ހުއްޓުވުމަށް އޮޕަރޭޝަންތައް ހިންގަމުންދާނެކަމަށެވެ.