މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކުރި އިއުލާނުގައި ބުނީ، ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ނޫސްތަކާއި ބްރޯޑްކާސްޓިން ލައިސަންސް ލިބިފައިވާ ފަރާތްތައް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީއަށް އެދި އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.
އެކަމަށް އެދި ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލް އިންނެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނީ "ވަންގަވް"ގެ ތެރޭގައި ހަދާފައިވާ "މީޑިއާ އެޕް" މެދުވެރިކޮށެވެ.
މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ މި ހިލޭ އެހީއަށް ޝަރުތު ހަމަވާ މީޑިއާތަކަށް ލިބޭ ފައިސާގެ އަދަދުތައް ވެސް މީގެ ކުރިން ޔޫތު މިނިސްޓްރީން ހާމަކުރި އެވެ. ނަމަވެސް އެ ކަނޑައެޅި ގޮތާ މެދު ޝަކުވާ ބޮޑުވުމުން، ނިންމުން ބަދަލުކޮށް މީޑިއާ ކޮންޓްރޯލްކުރަން މި ސަރުކާރުން އުފެއްދި ކޮމިޝަނާ އެ މަސައްކަތް ހަވާލުކުރި އެވެ.
އޭގެ ފަހުން، މީޑިއާތަކަށް ދައުލަތުން ފައިސާގެ އެހީ ދިނުމުގެ އާ އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ. ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ނިމުމުގެ ކުރިން އެ އެހީ ދިނުމަށެވެ.
ކުރީގެ އުސޫލުގައި އެހީދޭ އުމުރެއްގެ ގޮތުގައި ތިން އަަހަރު އޮތުމުން އޭރު ޝަރުތު ހަމަވީ 18 މީޑިއާ އެކެވެ. ނަމަވެސް އާ އުސޫލުގެ ދަށުން ގާތްގަނޑަކަށް 60 މީޑިއާ އަށް މާލީ އެހީއަށް ޝަރުތު ހަމަވާނެ އެވެ.