ރޯމޭނިއާގެ ލޯ-ކޮސްޓް އެއާލައިން ހައިސްކައިގެ ހިދުމަތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ބަދަލުކޮށްފި އެވެ.

Advertisement
ޓާމިނަލް 1 އިން ހައިސްކައިއަށް މަރުހަބާ ކިޔުމުގެ ގޮތުން ބޭއްވި ހަފުލާގައި ވަނީ އެ އެއާލައިންގެ ފްލައިޓަށް ވޯޓާ ސެލިއުޓެއްދީފަ އެވެ. އަދި ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ހައިސްކައިއާއެކު 37 އަށްވުރެ ގިނަ އެއާލައިން މިހާރު ވަނީ ވީއައިއޭގެ އާ ޓާމިނަލަށް ބަދަލުކޮށްފަ އެވެ.
ހުރިހާ އެއާލައިނެއްގެ ހިދުމަތް ގާތްގަނޑަކަށް އާ ޓާމިނަލަށް ބަދަލުވި އިރު، މިއީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަމުންދާ ދުވަސްވަރެވެ.
އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ. މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.