މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ފުލެޓުތައް ދިނީ ކުރީ ސަރުކާރުން ވެރިކަން ބަދަލުވާން ކުޑަތަންވެފައިވަނިކޮށް ނެރުނު ފުލެޓު ލިބުނު މީހުންގެ ލިސްޓާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެއިރު ހައްގުވެރިންގެ ގޮތުގައި ކަނޑައެޅި ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ފުރިހަމަނުވާ މީހުން ފިޔަވައި އެއްވެސް މީހެއްގެ އަތުން ފުލެޓު އަތުލާފައިނުވާނެ ކަމުގައި މުއްތަަލިބު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތަކީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވުމާއި އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް ނެތުމެވެ.
ފްލެޓު ލިސްޓު ރިވިއުކުރުމަށްފަހު ވެސް މި ސަރުކާރުން ނިންމީ، ކުރީގެ ސަރުކާރުން އެކުލަވާލި ލިސްޓަށް ފްލެޓު ދޭށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް، ކުރީގެ ފައިނަލް ލިސްޓަށް ފްލެޓު ދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ފުލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު ރިވީއުކުރުމުގެ ތެރެއިން އަަސަސީ ޝަރުތު ފުރިހަމަނުވަނީސް 450 އަށްވުރެ ގިނަ މީހުންނަށް ފުލެޓު ދީފައިވާކަން ފާހަގަކުރެވުނުކަމަށާއި، އެ ފަރާތްތަކުގެ އަތުން ފުލެޓު އަތުލާފައިވާނެކަމަށް ޑރ.މުއްތަލިބު ވިދާޅުވި އެވެ.
ފްލެޓް ހަވާލުކުރުމުގެ މަރުހަލާގައި ބަލަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު، ޝަރުތު ހަމަނުވާ ނަމަ އެއްބަސްވުމުގައި ސޮއިނުކުރެވޭނެ ކަމަށް މިނިސްޓްރީން އޮތީ ބުނެފަ އެވެ. އެކަމަކު މިހާތަނަށް އެ އަދަދު މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.