ads
ޕީއެންސީގެ ޕްރައިމަރީގެ ތެރެއިން
މައްޗަންގޮޅި އުތުރު ފިޔަވައި ޕީއެންސީ ޕްރައިމަރީގެ ދާއިރާއެއްގެ ވަގުތީ ނަތީޖާ އާންމުކޮށްފި
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާ އެ ޕާޓީން އާންމުކޮށްފިއެވެ.
Advertisement

ނަމަވެސް، މާލޭގެ މައްޗަންގޮޅި އުތުރު ދާއިރާގެ ނަތީޖާ ވަނީ ވަގުތީ ގޮތުން ހިފަހައްޓާފައެވެ. އެ ދާއިރާގެ ނަތީޖާ އާންމުނުކުރީ، ވޯޓުލުން ކުރިއަށްދިޔަ ވަގުތު ވަގު ވޯޓު އަޅާފައިވާ ކަމަށް ބުނެ އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ވޯޓު ގުނުން ހުއްޓާލުމާ ގުޅިގެންނެވެ. 

އެހެންކަމުން އެ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގެ ވަގުތީ ނަތީޖާ މިހާރު ވަނީ ލިބިފައެވެ.

މި ޕްރައިމަރީގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން 39،000 އަށްވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ. އަދި 1700 އަށްވުރެ ގިނަ ވޯޓު ބާތިލުކަމަށް ދައްކައެވެ. މި އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، މިހާރު ވެސް ކައުންސިލަރުކަމުގެ މަގާމުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވަނީ ޕާޓީގެ ޓިކެޓު ގެއްލިފައެވެ. އޭގެ ތެރޭގައި ހއ. ބާރަށާއި ފިއްލަދޫ ކައުންސިލަރުންގެ އިތުރުން، މާލޭ މައްޗަންގޮޅި ދެކުނު ދާއިރާގެ މިހާރުގެ ކައުންސިލަރު ވެސް ހިމެނެއެވެ. މީގެ އިތުރުން ކ. ގާފަރު ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ މުބާޝިރު ޖަލީލަށް ވެސް ޓިކެޓު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، އައްޑޫ ސިޓީ މީދޫ ކައުންސިލްގެ ރައީސްކަމުގެ ޓިކެޓު އާމިނަތު ސޯލިހާ ވަނީ ކަށަވަރު ކުރައްވާފައެވެ.

މައްޗަންގޮޅި އުތުރު ދާއިރާގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ޕީއެންސީގެ އިންތިހާބާ ބެހޭ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވީ، އެ ދާއިރާގެ ވޯޓު ފޮށި ކައިރީ ހިނގި ކަންތައްތައް ޕާޓީން ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމާ މެދު ގޮތެއް ނިންމާނީ މައްސަލަ ބެލުމަށްފަހުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެ ދާއިރާ ފިޔަވައި އެހެން ތަންތަނުގައި ވޯޓުލުން ދިޔައީ ވަރަށް އަމާންކޮށް ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ޕީއެންސީގެ މެންބަރުންގެ އަދަދު 73،000 އަށް މިހާރު އަރާނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް