އިންޑިއާގެ ނޯތު ކަރުނާޓަކާގައި ބާއްވަމުން އަންނަ ފިލްމު ފެސްޓިވަލްގެ ފީޗާ ފިލްމު ތިން ކެޓަގަރީއަކުން "ކަމަނާ"އަށް އެވޯޑު ލިބިފައިވާއިރު އެ ތިން ކެޓަގަރީއަކީ އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު ލީޑް އެކްޓަރު އަދި އެންމެ މޮޅު ލީޑް އެކްޓްރެސްއެވެ.
ބެސްޓް ޑައިރެކްޓަރުގެ އެވޯޑް ހުސައިން މުނައްވަރަށް ލިބުނުއިރު ބެސްޓް ލީޑް އެކްޓަރުގެ އެވޯޑް ލިބުނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އަށެވެ. އަދި ބެސްޓް ލީޑް އެކްޓްރެސްގެ އެވޯޑް ލިބުނީ މަރިޔަމް އައްޒައަށެވެ.
ގެވެށި އަނިޔާގެ ހިތްދަތި ހާދިސާތަކެއް ދައްކުވައިދިން "ކަމަނާ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑައިރެކްޓްކުރި ފިލްމެކެވެ.
ފިލްމު "ކަމަނާ"އަށް މި ލިބުނު ޝަރަފުވެރި ކާމިޔާބީއާ ގުޅިގެން ޑައިރެކްޓަރު ހުސައިން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓުގައި ބުނެފައި ވަނީ، ފިލްމަށް ލިބުނު ކާމިޔާބީއާ މެދު ފަހުރުވެރިވާ ކަމަށެވެ.
އެއީ މުޅި ދިވެހި ފިލްމު އިންޑަސްޓްރީއަށް ލިބުނު ޝަރަފެއް ކަމަށާއި ފިލްމު "ކަމަނާ"ގެ ކާމިޔާބީގެ ފަހަތުގައި އޮތީ އެ ފިލްމުގެ މުޅި ޓީމުކަން ފާހަގަކޮށް، އޭނާވަނީ އެ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.
އިންޑިއާގެ ނަވާ ކަރުނާޓަކާ ފިލްމު އެކަޑަމީއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ހުރިހާ ޖޯންރާއެއްގެ ފިލްމު ވެސް ނޮމިނޭޓް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. އޭގެތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިކުރާ ޑޮކިއުމެންޓްރީތައް ވެސް ހިމެނެ އެވެ.