ސަފީރު މިކަން ހާމަކުރެއްވީ "ސަން" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
ސަފީރު ފާހަގަކުރެއްވި ގޮތުގައި ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފަދަ ބިޔަ މަޝްރޫއުތަކަކީ އޭގެ ޒާތުގައި މާލީ ބޮޑު ފައިދާއެއް ލިބޭ މަޝްރޫއުތަކެކެވެ.
ނަމަވެސް މިވަގުތު މާލީ ދަތިތައް ކުރިމަތިވެފައި ވަނީ ކޮވިޑުގެ ސަބަބުން އިގްތިސާދަށް އައި ލޮޅުމާއި، ބައެއް މަޝްރޫއުތައް ނުނިމި ލަސްވުމުގެ ސަބަބުން އެކަށީގެންވާ އާމްދަނީ ނުލިބޭތީ ކަމަށް އޭނާ ވިދާޅުވިއެވެ. ލޯނުތައް ދެއްކުމުގެ ގާބިލުކަން އެ މަޝްރޫއުތަކުގައި އެބަހުރި ކަމުގެ ޔަގީންކަން ދެއްވަމުން ސަފީރު ވިދާޅުވީ، ދަރަނި އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް "ޑެޓް ރީއެރޭންޖްމަންޓް ޕްލޭން" އެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
ޗައިނާއިން އަބަދުވެސް ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭން ތައްޔާރަށް އޮތްކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ޗައިނާގެ ހިލޭ އެހީގެ ދަށުން އާ މަޝްރޫއުތައް ހިންގައިދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގައި ޗައިނާއިން ވަނީ ރާއްޖޭގެ މުހިއްމު ތިން މަޝްރޫއަކަށް 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމާފައެވެ. އަދި ޗައިނާގެ ޑައިރެކްޓް އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.