ޝަންގްރިއްލާ ވިލިނގިލި ރިސޯޓް ބަންދު ކުރީއްސުރެ އެ ރިސޯޓް އަލުން ހުޅުވަން ސަރުކާރުން އައީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. އެ ރިސޯޓް އަލުން ހުޅުވަން ބާރު އެޅުމުގެ ގޮތުން، އެ ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލަން ވެސް ކުރީގެ ސަރުކާރުން އެއްބަސްވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައި، ފުރަތަމަ ޓޫރިސްޓ މީހާ އަށް މިއަދު މަރުހަބާ ކިޔާފައިވާ ކަމަށެވެ.
ކޮވިޑާ ހެދި 2020 ގެ ތެރޭގައި ބަންދުކުރި ގޮތަށް މިހާތަނަށް އޮޕަރޭޝަނަށް ނުގެނެވި އޮތް ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 2023 ގެ ރިޔާސީ ކެމްޕެއިންގައި އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ 2009 ވަނަ އަހަރު އައްޑޫގައި ހުޅުވި 284 އެނދުގެ ލަގްޒަރީ ރިސޯޓެކެވެ. މި ރިސޯޓު ބަންދުކުރީ 2020 ވަނަ އަހަރުގެ މާޗް މަހު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެންނެވެ. ރިސޯޓު އަލުން ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، ރައީސް މުއިއްޒު ވަނީ ރިސޯޓުގެ އެކި ސަރަހައްދުތައް ބައްލަވާލެއްވުމަށް ހާއްސަ ޓުއާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. މި ޓުއާގައި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި ބައެއް މިނިސްޓަރުން އަދި އައްޑޫގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.