މިކަމާ ގުޅޭ ގޮތުން އެންސްޕާ އިން ނެރުނު ބަޔާނެއްގައި ބުނީ ޕްރިސްކްރިޕްޝަން ގްލާސަސް ނުވަތަ ނަންބަރު އައިނު ހެއްދުމުގެ ހިދުމަތް ރައްޔިތުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން އެ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކުގައު ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭ ގޮތަށް ހަދަން ނިންމައިވާ ގޮތަށެވެ.
އެގޮތުން އަންނަ މަހުގެ 15 އިން ފެށިގެން އެފަދަ ތަންތަނުން އާސަންދަ މެދުވެރިކޮށް އައިނު ހިދުމަތް ހެއްދޭނެ ކަމަށް އެންސްޕާ އިން ބުންޏެވެ. އެތަނުން ބުނީ މިކަން ތަންފީޒު ކުރުމަށްޓަކައި ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އުސޫލުތައް އެކުލަވާލައި އާންމު ކުރާނެ ކަމަށެވެ.
މީގެ ކުރިން އުސޫލު އޮންނަ ގޮތުން އާސަންދައިގެ ދަށުން އައިނު ލިބެނީ ހަމައެކަނި ހޮސްޕިޓަލަކުން ނަންބަރެއް ނެގުމުންނެވެ. އަމިއްލަ ކްލިނިކުތަކުން ނުވަތަ ފިހާރަތަކުން ނަގާ ނަމްބަރުތަކަށް އާސަންދައެއް ނުލިބެ އެވެ.
މި އުސޫލު ބަދަލުކޮށް، އަމިއްލަ ކްލިނިކުތަކުންނާއި ފިހާރަތަކުން ހަދާ އައިނުތަކަށް އާސަންދަ ދޭން ނިންމާފައިވާައިރު، އައިޖީއެމްއެޗްގައި ހިންގަމުންދާ ސަރުކާރުގެ އަައިނު ފިހާރައިން ހުރިހާ ފައިދާއެއް ނަގަނީ ލަންކާ ބަޔަކު ކަމަށް ބުނާ މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ.
ރާއްޖޭގައި އަމިއްލަ ވިޔަފާރިތަކުން ވިއްކާ އައިނުގެ އަގު ބޮޑުވުމުގެ ކަންބޮޑުވުންތައް އޮންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އައިނު ހައްދަން ލުޔެއް ދިނުމަށް ޓަކައި، މިދިޔަ ޖޫން މަހުން ފެށިގެން މި ސަރުކާރުން ވަނީ، ދެ އަހަރުން އެއް އަހަރު އައިނު ހައްދަން އާސަންދައިން ދޭ އެހީ 1،000 ރުފިޔާއިން 2،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
މީގެ އިތުން، ސަރުކާރު މައި ހޮސްޕިޓަލް, އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ، ހިލޭ އައިނު ހެއްދޭ ގޮތަށް އައިނު ފިހާރަތައް ހުޅުވައިފަ އެވެ.
އެހެންނަމަވެސް، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ވަންނާތީ އެކަމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން ފާޅުކޮށްފައި ވެއެވެ.