އެމްއޭސީއެލް މިއަދު އިން ނެރުނު ބަޔާނެއްގައި ބުނީ ވެލާނާ އެއާޕޯޓުގައި ފަތުރުވެރިންނަށް ބޭނުންވާނެ އެންމެހާ ކަންކަން ފޯރުކޮށްދިނުމަށް އެކި ވިޔަފާރިތައް ކުރުމާއި ހިދުމަތްތައް ދިނުމުގެ ހުއްދަ ވަކި އުސޫލުތަކަކާއި އެއްބަސްވުންތަކެއްގެ ދަށުން ދޫކުރާނީ އެ ކުންފުނިން ކަމަށެވެ. އެހެންކަމުން މި އުސޫލުތަކާއި އެއްބަސްވުންތަކުގެ ދަށުން ހުއްދަ ދޫކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެއާޕޯޓުގައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ނުވަތަ ހިދުމަތް ފޯރުކޮށްދިނުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި ހުއްދަ ނެތި އެއާޕޯޓުގައި އެއްވެސް ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ފާހަގަކުރެވިއްޖެނަމަ، ކަމާ ގުޅޭ ސަލާމަތީ މުއައްސަސާތަކާއެކު އެފަދަ ވިޔަފާރިތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެފަދަ ފިޔަވަޅެއްގެ ސަބަބުން ލިބޭނެ ވިޔަފާރީގެ ގެއްލުމަކަށް ވެސް އެމްއޭސީއެލްއިން އެއްވެސް ޒިންމާއެއް ނުނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެފަދައިން ފިޔަވަޅު އަޅަނީ އެއީ ފަތުރުވެރިންނާއި އެއާޕޯޓު ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެއާޕޯޓުގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަކީ އެމްއޭސީއެލްގެ ޒިންމާއަކަށްވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަދި އެ ތަންތަނުން ހިދުމަތްދޭ ފަރާތްތަކުން ތިބެން ވާނީ ތަމްސީލް ކުރާ ޔުނިފޯމް ލައިގެން ނުވަތަ ފާހަގަވާނެ ފާސް ހިފައިގެން ކަމަށާއި އެއްބަސްވުމުގައި ކަނޑައެޅިފައިވާ ތަނުގެ ނުވަތަ ވަސީލަތުގެ ބޭރުން އަދި އެއްބަސްވުމުގައި ނެތް ހިދުމަތެއް ދިނުމަކީ އެ ފަރާތްތަކަށް ވެސް މަނާ ކަމެއް ކަމަށް އެމްއޭސީއެލްގެ ބަޔާނުގައިވެ އެވެ.
އެމްއޭސީއެލްއިން އެފަދައިން ބުނެފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ވިއްކަން ހުރި ބިދޭސީއެއް ހައްޔަރުކޮށް, އޭނާގެ ބަންދުގެ މުއްދަތު މިދިޔަ އަންގާރަ ދުވަހު ވަނީ އިތުރުކޮށްފަ އެވެ.