ނިއު ޔޯކަށް 2026 ވަނަ އަހަރު ފެށުނު ވަގުތު މަމްދާނީ މަގާމުގެ ހުވާކުރެއްވީ ސިޓީ ހޯލްގެ ދަށުގައި މިހާރު ބޭނުން ނުކޮށް ދޫކޮށްލާފައިވާ ސަބްވޭ ސްޓޮޕެއްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޝިއައީ މުސްލިމެއް ކަމަށްވާ، އުމުރުން 34 އަހަރުގެ މަމްދާނީ ހުވާކުރެއްވީ ގުރުއާން މުސްހަފެއްގައި އަތްތިލަ ބީއްސަވައިގެން ހުންނަވަ އެވެ. އެ މުސްހަފު ހިފަހައްޓަވައިގެން ހުންނެވީ އަނބިކަނބަލުން ރާމާ ދުވާޖީ އެވެ.
މަގާމުގެ ހުވާކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މަމްދާނީ ވިދާޅުވީ ނިއު ޔޯކަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ މުޅި އުމުރަށް ލިބިގެން ދިޔަ ޝަރަފަކާއި ފަހުރެއް ކަމަށެވެ.
ހިޔާލު ތަފާތުވުން ހުއްޓަސް މަމްދާނީއަށް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ދިރާސާކުރާ މީހުން ބުނާ ގޮތުގައި މަމްދާނީގެ ވައުދުތައް ހަގީގަތަކަށް ހެދުން، ޓްރަމްޕުގެ އެއްބާރުލުން ލިބޭ މިންވަރެއްގެ މައްޗަށް ބިނާވާނެ އެވެ.
މަމްދާނީގެ ކެމްޕެއިން ހާއްސަކުރެއްވީ ނިއު ޔޯކް ސިޓީގައި ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގެ މައްޗަށެވެ.
ހިލޭ ޔުނިވާސަލް ޗައިލްޑް ކެއާ ދިނުމާއި، ސިޓީގެ ފަރާތުން ހިންގާ ގްރޯސަރީ ފިހާރަތައް ހުޅުވުމާއި، ބަހުގެ ހިދުމަތް ހިލޭ ލިބޭ ގޮތް ހެދުމާއި، ކުލި ކޮންޓްރޯލްކުރުން އޭނާގެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ.
މަމްދާނީ އަކީ ޕްރޮފެސަރެއް ކަމަށްވާ މަހްމޫދު މަމްދާނީ އާއި ފިލްމު އުފައްދާ މީހެއް ކަމަށްވާ މީރާ ނައިރްގެ ދަރިއެކެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ.
އަދި މަންމަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ. ޔުގެންޑާގައި އުފަންވި މަމްދާނީ ގޮވައިގެން އޭނާގެ މައިންބަފައިން އެމެރިކާއަށް ބަދަލުވީ އޭނާގެ އުމުރުން ހައެއްކަ އަހަރުގަ އެވެ.