މި އިންޒާރުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ގަޑިތަކުގައި މޫސުން ގޯސްވެ، އާންމުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.
މެޓް އޮފީހުން ވަނީ މި ހާލަތުގައި ރައްކާތެރިިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފަ އެވެ.
މެޓް އޮފީހުން ނެރެފައިވާ އިންޒާރުގައި ބުނެފައި ވަނީ ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން މަގުތަކުގައި ދުއްވާ އުޅަނދުތަކަށް ދަތިތަކާ ކުރިމަތިވެ، ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރާނެ ކަމަށެވެ. އަދި ބައެއް ހިސާބުތަކުން ކަރަންޓުގެ ހިދުމަތް ކެނޑި، މުވާސަލާތީ ހިދުމަތްތަކަށް ވެސް ބުރޫއެރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން ދުރު ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިވެދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މި ދުވަސްވަރު ޔޫކޭގެ އެކި ހިސާބުތަކަށް ފިނިހޫނުމިން ދަށަށް ގޮސް، ގަނޑުފެން ފައިބާނެ ކަމަށް ލަފާކުރެވޭތީ އާންމުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ބޭރަށް ނުކުމެ އުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދަމުން ގެންދިއުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފަ އެވެ.