ރާސް މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ ނަމުގައި ރާއްޖެ ގެނައި މުދާތަކެއް ކަސްޓަމްސް އިން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރޭ ބަލައިފާސްކުރިއިރު ޗޮކްލެޓް ސިރަޕްފުޅިތަކެއްގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އެތެރެކުރިކަން ފަޅާއަރައިގެން ހައްޔަރުކުރި އެކަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގދ. ތިނަދޫ، ގޯލްޑަން ހައުސް، މުހައްމަދު އާދިލް، 57 ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ތަހުގީގުގެ ބޭނުމަށް އާދިލް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ފުރަތަމަ ދިން ފަސް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމުގަ އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު 27 ގަ އެވެ.
އެ މައްސަލާގައި ދެން ހައްޔަރު ކޮށްފައި ވަނީ ރާސް މޯލްޑިވްސްގެ މުދާ ކްލިއާ ކުރުމަށް އެ ކުންފުނީގެ ފަރާތުން ދާނެ ކަމަށް އީމެއިލުން ކަސްޓަމްސްގެ ސީކާގޯ އެގްޒަމިނޭޝަނަށް އެންގި މީހާ އެވެ. އެއީ ހއ. ހޯރަފުށި، އާފިޔާ، އަހުމަދު އަލީ، 47، އެވެ.
ފުލުހުން މިއަދު ބުނީ، އަހުމަދު އަލީ މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތަހުގީގުގެ ބޭނުމަށް 10 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމުގަ އެވެ.