ads
ވެނެޒުއޭލާގެ ރައީސް އެމެރިކާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ފޮޓޯއެއް - ފޮޓޯ: ޝޯޝަލް މީޑިއާ
އެމެރިކާ ސިފައިން ވެނެޒުއޭލާގައި ކަންކުރި ގޮތް ބައިނަލްއަގުވާމީ ގާނޫނާއި ހިލާފު: އދ
އެމެރިކާއިން ވެނެޒުއޭލާއަށް ދިން ވަރުގަދަ ހަމަލާތަކާއި އެ ކަން ކުރުމުގައި ބައިނަލްއަގުވާމީ ގާނޫނުތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތުމުން ކަންބޮޑުވާ ކަމަށް އދ.ގެ ވެރިޔާ އެންޓޯނިއޯ ގުޓަރެސްގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ފަތިހުގެ ވަގުތެއްގައި އެމެރިކާއިން ވެނެޒުއޭލާއަށް ދޭން ފެށި ހަމަލާތަކަކީ މަދޫރޯގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ފެށި ހަރަކާތްތަކުގެ ތެރެއިން ދިން ހަމަލާތަކެކެވެ. ރައީސް ޓްރަމްޕްގެ މީސްމީޑިއާ ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައި ބުނީ، އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން އަތުލައިގަނެވި، ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. 

މި އޮޕަރޭޝަނުގައި އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ވެސް ބައިވެރިވެފައިވާ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ. ޓްރަމްޕު ވިދާޅުވި ގޮތުގައި މަދޫރޯ އަތުލައިގަނެގެން ގެންދިއައީ "ވަރުގަދަ ކިއްލާއެއްގައި އޮއްވަ" އެވެ. އަދި އޭނާ އަތުލައިގަތުމަށް ހިންގި އޮޕަރޭޝަން ވަގުތުން ބަލަމުން ގެންދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެ މަންޒަރު ވަގުތުން ބަލަމުން ދިޔައިރު ހީވީ ޓީވީ ޝޯއެއް ބަލަމުން ދިޔަހެން. އެކަން ކުރިލެއް އަވަސްކަމާއި ހިނގި ހަމަނުޖެހުން ފެނުނު،" ޓްރަމްޕު ވިދާޅުވި އެވެ.

އދ.ގެ ވެރިޔާ އެންޓޯނިއޯ ގުޓަރެސްގެ ތަރުޖަމާނު ވިދާޅުވީ ވެނެޒުއޭލާ އާއި އެމެރިކާއިން ވާހަކަ ދައްކައިގެން މަސްރަހު ހަމަޔަކަށް އަޅުވަން މަސައްކަތްކުރުން މުހިންމު ކަމަށެވެ.

އދގެ އިތުރުން ފްރާންސާއި ޗައިނާ އާއި އެކި ގައުމުތަކުން ވެސް ވަނީ އެމެރިކާގެ އަމަލު ކުށްވެރިކޮށް ވާހަކަ ދައްކައިފަ އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީން މި ހަމަލާތައް ސިފަކޮށްފައިވަނީ "ހަތިޔާރު އެޅި އުދުވާނެއް"ގެ ގޮތުގައެވެ. ވޮޝިންޓަނުން ދައްކާ ބަހަނާތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ރަޝިޔާއިން ބުނެފައި ވެއެވެ. މޮސްކޯއިން ވަނީ މަޝްވަރާގެ މަގުން މައްސަލަ ހައްލުކުރުމަށް ގޮވާލައި، ބައިނަލްއަގުވާމީ އުސޫލުތަކަށް ތަބާވުމަށް ބާރުއަޅާފަ އެވެ. 

ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކާނެލް މި ހަމަލާ ސިފަކުރެއްވީ އެމެރިކާއިން ހިންގި "ޖިނާއީ އަމަލެއް"ގެ ގޮތުގައެވެ. އޭނާ ވިދާޅުވީ މިއީ ވެނެޒުއޭލާގެ ހިތްވަރުގަދަ ރައްޔިތުންނާ ދެކޮޅަށް ހިންގި "ދައުލަތުގެ ޓެރަރިޒަމް" ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ހަމަލާތަކާ ގުޅިގެން އެމެރިކާގެ އަމަލު ކުށްވެރިނުކޮށް ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ކާޖާ ކަލާސް ވިދާޅުވި ގޮތުގައި އެ ބްލޮކުން އަންނަނީ ވެނެޒުއެލާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ގާނޫނީ ތަޖުރިބާކާރުންނާއި އެކި ގައުމުތަކުން ދަނީ މަދޫރޯ ގެންދިޔަ މައްސަލަ ކުށްވެރިކޮށް، މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފް އަމަލުތަކެއް ކަމަށް ބުނަމުންނެވެ. 

ވައިޓް ހައުސް އިން ވަނީ މަދޫރޯ ވަގަށް ނަގައިގެން ހެލިކޮޕްޓަރުގައި ގެންދިޔައިރު ނަގާފައިވާ ފޮޓޯއެއް ވެސް ހާމަކޮށްފަ އެވެ. އޭގައި ފެންނަ ގޮތުން މަދޫރޯ އިންނަވަނީ ބިޑި އަޅުވައި ކަނު ބަނދެފަ އެވެ. 

މަދޫރޯއާއި އަނބިކަނބަލުން ހެލޮކޮޕްޓަރާއި ކަނޑު ބޯޓުން އެމެރިކާގެ ނިއު ޔޯކު ސިޓީއަށް ގެންދާ ކަމަށާއި އެމީހުންގެ މައްޗަށް ނިއުޔޯކުގައި ދައުވާކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި މަދޫރޯ ދަނީ މަސްތުވާތަކެތީގެ ވިޔަފާރިއަށް މަގުފަހިކޮށް އިސްކޮށް އެކަމުގެ ތެރޭގައި އުޅުއްވަމުންނެވެ. ނަމަވެސް މަދޫރޯ ވަނީ އެކި ޕްލެޓްފޯމްތަކުގައި އެކަން ދޮގުކުރައްވާފަ އެވެ.

your imageވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ


މިހާރު އުމުރުފުޅުން 63 އަހަރުގެ މަދޫރޯއަކީ ދުނިޔޭގައި އެންމެ ބޮޑަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެކަކު ކަމަށް ތުހުމަތުކޮށް، މަދޫރޯ ހައްޔަރު ކުރުމަށް މަގުފަހިވާ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 50 މިލިއަން ޑޮލަރު ދޭނެ ކަމަށް މިދިޔަ އޮގަސްޓު މަހު އެމެރިކާއިން ވަނީ އިއުލާނުކޮށްފަ އެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލް ޕޭމް ބޮންޑީ ވިދާޅުވި ގޮތުގައި މަދޫރޯއާއި އަނބިކަނބަލުން ފްލޮރެސްގެ މައްޗަށް އެމެރިކާއިން ގިނަ ދައުވާތަކެއް ކުރުމަށް ވަނީ ނިންމައިފަ އެވެ. އޭގެތެރޭގައި ޓެރަރިޒަމް ދައުވާއާއި ކޮކެއިން އެތެރެކުރުމުގެ ރޭވުމުގެ ދައުވާއާއި، އެމެރިކާއާ ދެކޮޅަށް މެޝިންގަން އަދި ފަނާކުރަނިވި އާލާތްތައް ގެންގުޅެން ރޭވުމުގެ ދައުވާ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް