މިއަދުގެ މެންދުރުގެ ވަގުތެއްގައި ފުލުހުން ވަނީ ސަނީގެ އަންހެނުންގެ ގެ ކަމަށްވާ, ހ. އަނދުންގެއަށް ސަނީ ގެނެސްފަ އެވެ. އޭނާ އެގެއަށް ގެނެސް އެ ގޭގައި ގިނަ އަދަދެއްގެ ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.
އެއަށް ފަހު މިއަދު 15:00 ވާން ކައިރި ވެފައިވަނިކޮށް, ފުލުހުން ވަނީ ސަނީ އަނބުރާ ގެންގޮސްފަ އެވެ. އޭނާ ގެންދިޔަ ވަގުތު ގޭތެރެއިން ފުލުހުންނާ ބަޔަކާ ކޮންމެ ވެސް ވަރެއްގެ ކުރިމަތިލުމެއް ހިނގި އެވެ.
ފުލުހުން ބުނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ހެކި ހޯދަން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. ސަނީ އުމަރު އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަވަނީ ތަހުގީގު ކުރައްވަމުން ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ތަހުގީގުގައި ކުރަންހުރި މަސައްކަތަށް ރިއާޔަތްކޮށް އެ އޮފީހުން ވާނީ ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަހުގީގު މުއްދަތު އިތުރުކޮށްދީފައި ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ފަހު، ޝަރީއަތް ނިމެންދެން ސަނީ ބަންދުކުރީ މިމަހުގެ 2 ވަނަ ދުވަހެވެ.