ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: ފޮޓޯ ލޮސްއެންޖަލަސް ޓައިމްސް
ގްރީންލޭންޑް ހޯދުމަށް އަސްކަރީ ބާރުގެ ބޭނުންކޮށްފާނެ ކަމުގެ އިންޒާރު ޓްރަމްޕު ދެއްވައިފި
އެމެރިކާގެ ގައުމީ ސަލާމަތަށްޓަކައި، ޑެންމާކުގެ ބާރުގެ ދަށުގައި އޮތް ގްރީންލޭންޑްގެ ކޮންޓްރޯލް ނެގުމަށް އަސްކަރީ ބާރުގެ ބޭނުންކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވައިފިއެވެ.
Advertisement

މީގެ ކުރިންވެސް ގްރީންލޭންޑް ގަތުމަށް ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް، މިއީ އެ ރަށް ހިފުމަށް ސިފައިން ފޮނުވާނެ ކަމަށް ވިދާޅުވެ ޓްރަމްޕު އިންޒާރު ދެއްވި ފުރަތަމަ ފަހަރެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޓްރަމްޕު މިކަމަށް ބާރުއަޅުއްވަނީ އެ ސަރަހައްދުގައި ރަޝިޔާ އަދި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ކަމަށް ވިދާޅުވެއެވެ. އަދި އެމެރިކާގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށްޓަކައި ސްޓްރެޓެޖިކް ގޮތުން މުހިންމު ސަރަހައްދެއްގައި އޮތް ގްރީންލޭންޑް، އެމެރިކާގެ ބާރުގެ ދަށަށް ގެންނަންޖެހޭ ކަމަށް ޓްރަމްޕު ދެކިވަޑައިގަންނަވައެވެ. މިކަމާ ގުޅިގެން ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕު ވަނީ މިކަން ހާސިލުކުރުމަށް ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ވާހަކަތަކާ ގުޅިގެން ޑެންމާކުގެ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވީ "ގްރީންލޭންޑަކީ ވިއްކާ އެއްޗެއް ނޫން،" ކަމަށެވެ. "އެ ރަށް ހޯދުމުގެ ނަމުގައި އެމެރިކާއިން އަސްކަރީ ހަރަކާތެއް ހިންގައިފިނަމަ، އެމެރިކާއާ އެކު އޮންނަ ޒަމާންވީ ނޭޓޯގެ ގުޅުން ނިމުމަކަށް އަންނާނެ،" ކަމަށެވެ.

އެމެރިކާގެ އަމަލުތައް ހުރި ގޮތުން ޔޫރަޕްގެ އެހެން ގައުމުތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވެނެޒުއެލާއަށް އެމެރިކާއިން ދިން ހަމަލާތަކަށްފަހު، އަނެއްކާވެސް އެހެން ގައުމެއްގެ ސިޔާދަތީ ބާރަށް އަރައިގަތުމަށް ޓްރަމްޕު މަސައްކަތް ކުރައްވާތީ އިންޓަނޭޝަނަލް މީޑިއާތަކުގައި ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ގްރީންލޭންޑްގެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާއާއި ޑެންމާކުގެ ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް