ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ނިސްބަތްވެވަޑައިގަންނަވާ އެސްއެލްޕީ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ހާމައެއްނުކުރެ އެވެ.
ލަންކާގެ ނޫހަކަށް މަސްއޫދު ދެއްވި އިންޓަވިއުގައި ގެންގުޅުއްވި ހަރުކަށި ބަސްމަގާއެކު މިހާރު ވެސް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފަ އެވެ. އަދި އެއީ ވިސާއާ ގުޅޭ މައްސަލައިގެ ކަންބޮޑުވުންތައް ހައްލުކުރަން ޖެހޭ ގޮތް ނޫންކަމަށް ވެސް ހާރިޖީ ދާއިރާގެ ގިނަ ބޭފުޅުން ވިދާޅުވެ އެވެ.
އިތުރަށް ކިޔާލަން: ދޮންމަންމައިން ކަންކުރާހެން ދިވެހިންނާއި މެދު ކަންކޮށްގެން ނުވާނެ: މަސްއޫދު އިމާދު
ނަމަލް ރާޖަޕަކްސާ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްރީލަންކާ ޕޮދުޖަނާ ޕެރަމުނާގެ މައި އޮފީހުގައި ސަފީރު މަސްއޫދު އިމާދާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވެސް ވާހަކަދެއްކެވި ކަމަށެވެ.
އަދި އެކުގައި ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާއަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އަދި ދިވެހިން އެންމެ ގިނައިން ދިރިއުޅެމުންދާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ލަންކާއަށް މިފަހުން ކުރިމަތިވި ފެންބޮޑުވުމުުގެ ހާދިސާގައި ވެސް އެންމެ ބޮޑަށް އެހީތެރިވި ގައުމަކީ ރާއްޖެ އެވެ.