މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ:
އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި މީހުންގެ ތެެރެއިން މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި އަހުމަދު އަނާމް އިބްރާހީމް ވަނީ އިއްޔެ މަގާމުން ވެސް ވަކިކޮށްފަ އެވެ. މި މައްސަލައިގައި ދެން ހިމެނޭ މީހުންގެ ތެރެއިން, ޝައްފާޙް ލަތީފަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑައިރެކްޓަރެކެވެ.
ފުލުހުން ރޭ ބުނީ އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ ޑްރަގްގެ ވިޔަފާރި ކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށެވެ.
އެ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށް، ފުލުހުން ހާއްސަ ތަހުގީގެއް ފެށީ މިދިޔަ އަހަރުގެ މާޗު މަހު ކަމަށް ވެސް ބުންޏެވެ. އެ ތަހުގީގުން ފުލުހުންނަށް އެނގިފައިވާ ގޮތުގައި އެ ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން ދަނީ ޑްރަގް ޓްރެފިކް ކުރަމުންނެވެ.
އެގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ނެޓްވޯކް މެމްބަރުންގެ ބޭންކު އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ހަތަރު ލައްކަ އަށް ވުރެ ގިނަ ޑޮލަރު ދައުރު ކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެމީހުންގެ އެކައުންޓުތަކުގައި ދައުރުވި ފައިސާގެ ތެރެއިން، މިހާރު ފުލުހުންގެ ބަންދުގައި ހުރި އަހުމަދު މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17,174,461.12 (ސަތާރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ބާރަ ލާރި) ދައުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99 (ހަތަރުލައްކަ ތިރީސް ހާސް ހަ ސަތޭކަ ތިރީސް އަށް ރުފިޔާ ނުވަދިހަ ނުވަ ލާރި)އެވެ.
މީގެ އިތުރުން، އަހުމަދު އަނާމް އިބްރާހީމް ގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60 (ތިރީސްއަށް މިލިން އަށްލައްކަ ބާރަހާސް ހަސަތޭކަ ނުވަދިހަ ރުފިޔާ ފަސްދޮޅަސް ލާރި) ދައުރު ކޮށްފައިވާއިރު އެ މުއްދަތުގައި އޭނާގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 (ދެލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ތިރީސް ދޭއް ލާރި)އެވެ.
އަދި، ޝައްފާހު ލަތީފް ގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83ރ. ދައުރު ކޮށްފައިވާ ކަމަށާއި މި މުއްދަތު ތެރޭގައި ޝައްފާހުގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36ރ. ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
މި ނެޓްވޯކް އިސްވެ ހިންގާ މީހާ އާއި އަދި އޭނާގެ ދަށުން މަސްތުވާތަކެތި ވިއްކައި، ވިޔަފާރިކޮށް، މަނީލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ 19 މީހަކު ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށާއި އެ ހުރިހާ އެންމެންގެ މައްސަލަ ވެސް ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 މީހެއްގެ 53 ބޭންކު އެކައުންޓެއް ފްރީޒް ކޮށްފައިވެ އެވެ.