މިއަދު ހައުސިން މިނިސްޓްރީން ނެރުން ނޫސް ބަޔާނެެއްގައި ބުނެފައިވަނީ މިއަދު ހުޅުވާލަން އޮތް ފުރުސަތު އަންނަ އާދިއްތަ ދުވަހަށް ފަސް ކުރަން ނިންމާފައިވާ ކަމުގައި އެވެ.
މިކަން މިގޮތަށް ކުރަން ނިންމާފައިވަނީ އެ ފުރަަސަތަށް އެދި ގިނަ ބަޔަކު ލާނެ ކަމަށް ލަފާކުރެވޭތީ އާއި ހަފްތާ ބަންދާއި ދިމާކޮށް މިކަމަށް ހުޅުވާލުމުން ރައްޔިތުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ލަފާ ކުރެވޭތީ ކަމުގައި އެވެ.
އެހެން ކަމުން އެ ޕޯޓަލް ޖެނުވަރީ 18 ވަނަ ދުވަހުގެ ހެދެނު 9 ޖަހާއިރު ހުޅުވާލަން ނިންމާފައިވާ ކަމުގައި ހައުސިން މިނިސްޓްރީން ބުނި އެވެ.
މިއީ ފަސްކުރި 3 ވަނަ ފަހަރުކަން ފާހަގަ ކޮށްލެވެ އެވެ. އެންމެ ފުރަތަމަ މި ފުރުސަތު ހުޅުވާލަން ނިންމީ ޖެނުވަރީ 6 ވަަނަ ދުވަހު އެވެ. އޭގެ ފަހުން ޖެނުވަރީ 15 ވަނަ ދުވަހަށް ބަދަލުކޮށް މިހާރު މިވަނީ މި ދުވަސް މި މަހުގެ 18 ވަނަ ދުވަހަށް ބަދަލުކޮށްފައި އެވެ.
މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓާއި ގޯތި ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށްފަހު އާ އުސޫލު ސަރުކާރުން އާންމުކުރީ މިދިޔަ މަހުގެ 30ގައެވެ. ސަރުކާރުން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަހައްދުން 7،900 ފްލެޓް ދޫކުރުމަށެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވަނީ މި ފުރުސަތު ހުޅުވާލެވިގެން ދާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި އެވެ.
ފްލެޓުތައް ދިނުމުގައި ކަނޑައަޅާފައިވާ 15 ކެޓަގަރީތައް
1- 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށް: 100 ފްލެޓު
2- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް: 100 ފްލެޓު
3- ޒުވާނުންނަށް: 250 ފްލެޓު
4- ޓެކްސީ ޑްރައިވަރުންނަށް: 50 ފްލެޓު
5- ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް: 200 ފްލެޓު
6- ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް: 100 ފްލެޓު
7- މަސްވެރިންނަށް: 100 ފްލެޓު
8- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް: 50 ފްލެޓު
9- ވެށިފަހި، ހިޔާ މަޝްރޫއު ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބި ފްލެޓު ހަވާލު ނުކުރި ފަރާތްތަކަށް: 500 ފްލެޓު
10- ބޯހިޔާވަހިކަމެއް ނެތި ދިރިއުޅޭ ފަގީރު އާއިލާތަކަށް: 50 ފްލެޓު
11- ދިވެހި ފުލުހުންނަށް: 100 ފްލެޓު
12- އެމްއެންޑީއެފަށް: 100 ފްލެޓު
13- ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް: 200 ފްލެޓު
14- މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް: 100 ފްލެޓު
15- ހާއްސަ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް: 400 ފްލެޓު
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.