މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން ފެށިގެން ހުޅުމާލެ ފޭސް 2، ދިރާގު ބީޗުގަ އެވެ.
މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު ކުރިއަށްދާ މި ހަވީރުގެ އެންމެ ފޯރިގަދަ ވަގުތަކަށް ވެގެންދާނީ، ދިރާގުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ އިއުލާންކުރާ ވަގުތެވެ.
މި ހަރަކާތުގައި "ރޮބޯމޭން" ގެ ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ. ރޮބޯމޭންއަކީ ހުރިހާ އުމުރުފުރައެއްގެ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ލިބެނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. އެ ސްޕީޑް ބޯޓުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް ވަނީ އަޅުވާފަ އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ނިމުނު ކަމުގައި ވިޔަސް، ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުސަތު އަންނަ މާރިޗު 31ގެ ނިޔަލަށް އޮތްކަން ދިރާގުން ފާހަގަކުރި އެވެ.
ދިރާގު ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް 31 މާރިޗު 2026 ގެ ކުރިން އެންރޯލްކުރެވޭނެ އެވެ.
ދިރާގުން އަންނަނީ، ހުނަރުވެރި ފަންނާނުންގެ ކުރިއެރުމަށާއި އެ ފަރާތްތަކުގެ ފަންނުވެރިކަން ދައްކާލުމަށްޓަކައި އެކިއެކި ފުރުސަތުތައް މަގުފަހި ކޮށްދެމުންނެ އެވެ. އަދި މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.