ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން އިންތިހާބްކުރި ފުރަތަމަ މޭޔަރުގެ ޝަރަފާއެކު އެ މަގާމަށް މުހައްމަދު އާތިފް އިންތިހާބުކުރީ 2021 ވަނަ އަހަރުއެވެ.
އާތިފް ވަނީ އޭނާ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ވާދަކުރަން ނިންމިކަން އިއްޔެ އިއުލާންކުރައްވާފައެވެ. އާތިފް ވިދާޅުވީ ރައްޔިތުންނާއި އެކީގައި މަސައްކަތް ކުރުމުގައި ދެމި ހުންނާނެކަމަށެވެ. އަދި އޭނާ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ނުކުންނާނީ ކައުންސިލް ރަނގަޅަށް ހިންގޭނެ ވަރުގެ ޤާބިލު ޓީމަކާއި އެކުކަމަށްވެސް އާތިފް ވަނީ ވިދާޅުވެފައެވެ.
" ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑުގެ ނަން ވޯޓު ކަރުދާސްތަކުގައި އިރާދަކުރެއްވިއްޔާ އޮންނާނެ." އާތިފް ވިދާޅުވިއެވެ.
އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރިލްމަހުގެ 4 ވަނަދުވަހުއެވެ. އިންތިހާބުގައި ވާދަކުރަން ނަން ހުށައަޅަން މާދަމާ ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ލޯކަލް ކައުންސިލް މި އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގައި ވާދަކުރަން އެދޭ ފަރާތްތަކަށް ނަން ހުށައަޅަން އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެކަމަށެވެ. އީސީން ބުނީ ފޯމު ހުށަހަޅަން ޖެހޭނީ އެ އިދާރާގެ ޕޯޓަލް މެދުވެރިކޮށްކަމަށެވެ.