މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ރޮބަޓް ރޯޑްސް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާ ވަނީ 2016 ވަނަ އަހަރު އޭނާގެ އަނބިމީހާ، ޑޯން ރޯޑްސް މަރާލާފަ އެވެ.
މި ހާދިސާ ހިނގި ދުވަސްވަރު ބޭއްވި ޝަރީއަތުގައި ރޮބަޓް ވަނީ، އަނބިމީހާ މަރުވީ އަމިއްލަ ނަފްސުގެ ދިފާއުގައި އުޅުމުގެ ތެރޭގައި ކަމަށް ބުނެފަ އެވެ. އޭރު ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި އޭނާ ދޫކޮށްލާފަ އެވެ.
ނަމަވެސް މި މައްސަލައިގެ މިސްރާބު މުޅިން ބަދަލުވެގެން ދިޔައީ، އެ ހާދިސާ ހިނގިއިރު އުމުރުން 10 އަހަރު ވެސް ނުވާ އެދެމަފިރިންގެ ދަރިފުޅު ތެރަޕިސްޓަކަށް ކިޔައިދިން ވާހަކަތަކަކުންނެވެ.
މި އާ ހެކިތަކާއެކު މައްސަލަ އަލުން ބެލުމަށްފަހު، އިނގިރޭސިވިލާތުގެ ކޯޓުން މިހާރު ވަނީ ޑޯން ރޯޑްސްގެ މަރުގެ ޒިންމާ ރޮބަޓް ރޯޑްސް ނަގަން ޖެހޭނެ ކަމަށާއި، އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. އޭނާގެ މައްޗަށް އިއްވާނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަމަށް ބެލެވެ އެވެ.