ads
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީން ކައުންސިލު އިންތިހާބުގައި ވާދަކުރަނީ މާމިގިއްޔަށް އެކަނި!
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާމިގިލި ދާއިރާ ފިޔަވައި، އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.
Advertisement

ޖުމްހޫރީ ޕާޓީން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލުގެ ބައްދަލުވުމުގަ އެވެ.

ޖޭޕީ ކައުންސިލުގެ ބައްދަލުވުމެއް މިއަދު ބޭއްވިއިރު، އެ ބައްދަލުވުމުގައި ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ އެ ޕާޓީން އޭޕްރީލު ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކުރާނީ މާމިގިލީ ދާއިރާގެ ގޮނޑިތަކަށް ކަމަށެވެ. އެ ދާއިރާގެ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް އެ ޕާޓީން ކެނޑިޑޭޓުން ނެރުމަށް ނިންމާފައި ވެއެވެ. 

މާމިގިލި ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގައި ޖޭޕީން ތާއީދުކުރަން ނިންމާފައިވަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްއަށެވެ. އަދި އެ ޕާޓީއާ ގުޅިގެން އެހެން ދާއިރާތަކުގައި މަސައްކަަތްކުރުމަށްވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ފާސްކުރި އެވެ. 

ކައުންސިލް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އީސީން މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ފަހަރުގެ އިންތިހާބުގައި ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

އެޕްލިކޭޝަން ހުށަހެޅުމަށް ދެ ހަފްތާގެ މުއްދަތެއް ދީފައިވާއިރު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ. އީސީގެ ޕޯޓަލްއިން ދައްކާ ގޮތުގައި މިހާތަނަށް 300 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސަައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް