ads
ފިނޭންސް މިނިސްޓްރީ ފޮޓޯ: ހަސަން ނަސީރު / ސީއެންއެމް
ހަރަދު ދަށަށް ގެނެސް ބަޖެޓު ޑެފިސިޓު %73.5 ކުޑަކޮށްފި
ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމުލަ ޚަރަދުތައް ކުޑަވުމާ ގުޅިގެން މިދިޔަ އަހަރުގެ ދައުލަތުގެ އޯވަރޯލް ޑެފިސިޓް 73.5 އިންސައްތަ ކުޑަކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
Advertisement

މިނިސްޓްރީން އާންމުކޮށްފައިވާ 31 ޑިސެމްބަރ 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ހަރަދުތައް ދައްކުވައިދޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 9.6 ބިލިއަން ރުފިޔާއިން ދަށްވެފައެވެ. 2024 ވަނަ އަހަރު 13.1 ބިލިއަން ރުފިޔާގައި ހުރި ޑެފިސިޓް، 2025 ވަނަ އަހަރު ނިމުނުއިރު ވަނީ 3.5 ބިލިއަން ރުފިޔާއަށް ތިރިކުރެވިފަ އެވެ.

2025 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ ޖުމްލަ 39.6 ބިލިއަން ރުފިޔާއެވެ. އެއީ ކުރީ އަހަރު ލިބުނު 35.1 ބިލިއަން ރުފިޔާއަށް 12.9 އިންސައްތަ އިތުރު އަދަދެކެވެ. ޖުމްލަ އާމްދަނީ އިތުރުވިއިރު ޓެކުހާއި ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ އަންދާޒާކުރި މިންވަރަށްވުރެ ދެ ބިލިއަން ރުފިޔާ އިތުރެވެ. 

ދައުލަތުގެ އާމްދަނީ އިތުރުވިއިރު ސަރުކާރުން ގެންގުޅުނު ހަރުދަނާ މާލީ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ޖުމްލަ ހަރަދުވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. އެގޮތުން 43.1 ބިލިއަން ރުފިޔާ ހަރަދުވިއިރު މިއީ 2024 ވަނަ އަހަރު ހަރަދުވި 48.2 ބިލއިަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތައިގެ ދަށްވުމެކެވެ. 

ޓެކުހުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 29.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރު ލިބުނު 26.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޓީޖީއެސްޓީގެ ގޮތުގައި 11.0 ބިލިޔަން ރުފިޔާ ލިބިފައި ވެއެވެ. 

މިއީ ކުރީ އަހަރު ލިބުނު 9.5 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 15.2 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 10.0 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ ކުރީ އަހަރުގެ 8.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %24.0 ގެ ކުރިއެރުމެކެވެ. އަދި ފާސްކުރި މިންވަރަށްވުރެ 2.0 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

ރިޕޯޓުގައިވާގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުރީ 13.1 ބިލިޔަން ރުފިޔާގަ އެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިޔަން ރުފިޔާއަށް ކުޑަކުރެވިފަ އެވެ. މިއީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކުރުމާއެކު އާމްދަނީގެ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ހެޔޮ ނަތީޖާކަމަށް މިނިސްޓްރީން ބުންޏެވެ.

އިންވެސްޓަރުން ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ވަޒަންކުރުމުގައި ބަލާ މުހިންމު މިންގަނޑެއް ކަމަށްވާ ޕްރައިމަރީ ބެލެންސް (ދަރަނީގެ އިންޓްރެސްޓް ހަރަދު ނުހިމަނައި، އާމްދަނީއާއި ހަރަދުގެ ފަރަގު) ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. އެގޮތުން2024 ވަނަ އަހަރު 8.4 ބިލިޔަން ރުފިޔާއިން ޑެފިސިޓްވި ޕްރައިމަރީ ބެލެންސް، 2025 ވަނަ އަހަރު ނިމުނުއިރު ހުރީ 1.2 ބިލިޔަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. މިއީ ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ސާޕްލަސް އެއްގައި މާލީ އަހަރެއް ނިންމާލެވުނު ފުރަތަމަ ފަހަރުކަން މިނިސްޓްރީން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް