ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ، ޓްރަމްޕްގެ މި ދައުވަތު ދިރާސާކުރުމަށް ފޮރިން މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ. އަދި މި ކައުންސިލްގައި ބައިވެރިވުމަށް، އެމެރިކާގެ ކުރީގެ ސަރުކާރުން ހިފަހައްޓާފައިވާ ރަޝިއާގެ ފައިސާގެ ތެރެއިން 1 ބިލިއަން ޑޮލަރު ބޭނުންކުރެވިދާނެ ކަމަށް އޭނާ ހުށަހެޅުއްވިއެވެ.
މި ކައުންސިލަކީ ގާޒާގެ ހަނގުރާމަ ހުއްޓުވައި، އެތަން އަލުން އާރާސްތުކުރުމަށް އެމެރިކާއިން އިސްނަގައިގެން އުފައްދާ ބައިނަލްއަގުވާމީ ކައުންސިލެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ކައުންސިލްގެ ދާއިމީ މެމްބަރުކަން ލިބެނީ 1 ބިލިއަން ޑޮލަރު ދައްކާ ގައުމުތަކަށެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ ޕޫޓިން މި ދައުވަތު ގަބޫލުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ކްރެމްލިންއިން ބުނެފައި ވަނީ އެކަން އަދި މުޅިން ނުނިންމާ ކަމަށާއި، ހުށަހެޅުން އަދިވެސް ދަނީ ދިރާސާކުރަމުން ކަމަށެވެ. ޕޫޓިންގެ މި ހުށަހެޅުއްވުމަކީ ފްރީޒްކޮށްފައިވާ ރަޝިއާގެ ފައިސާ އަނބުރާ ހޯދުމަށް ނުވަތަ އެ ފައިސާ ބޭނުންކުރެވޭނެ މަގެއް ހޯދުމަށް ކުރެއްވި ސިޔާސީ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.