އެ މިނިސްޓްރީން ބުނީ މި އޯޕަން ޑޭ ބާއްވަން ނިންމާފައިވަނީ މިމަހު 30 އަދި 31 ވަނަ ދުވަހު ކަމުގައި އެވެ.
އެ މިނިސްޓްރީން ބުނީ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި އިވެންޓުގައި މިނިސްޓްރީގެ ދަށު އޮފީސްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ލިބޭ ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމުގައި އެވެ.
އަދި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތުތައް މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ ވާކަމަށް އެ އިދާރާއިން ބުނެ އެވެ.
މީގެ އިތުރުން ލައިވް ޕަރފޯމަންސްތަކާއި ތަފާތު ގޭމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި ވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.
އޯޕަން ޑޭގައި ބައިވެރިވާ ފަރާތްތަކަށް އިނާމާއި އަދި އެހެނިހެން ސަޕްރައިޒްތައް ވެސް ލިބިގެންދާނެ ކަމަށް ވެސް އެއިދާރާއިން ފާހަގަ ކުރެ އެވެ.
މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫތު ހަބު (ލިލީ މަގު)ގައި 30 އަދި 31 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކަމަށް އެ އިދާރާއިން ހާމަ ކުރެ އެވެ.