ސައިންސްވެރިން މިހާރު ސިފަކުރާ ގޮތުގައި ބަނޑަކީ އިންސާނާގެ "ދެވަނަ ސިކުނޑި" އެވެ. ކުއްޖާ ކާ ތަކެތީގެ ސަބަބުން ބަނޑުގައި އުފެދޭ ޖަރާސީމު ނުވަތަ ބެކްޓީރިއާ، ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާއި އުފާވެރިކަމަށް ސީދާ އަސަރު ފޯރުވައެވެ.
މިކަމާ ގުޅޭގޮތުން "ޖަމާ ނެޓްވޯކް އޯޕަން" ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ ބަނޑުގައި ހުންނަ "ގަޓް މައިކްރޮބަޔޯމް" ހަމަހަމަކަން ގެއްލިއްޖެނަމަ، އެ ކުދިންގެ ފަރާތުން ކަންބޮޑުވުމާއި، ރުޅިގަދަވުމާއި އަދި ސަމާލުކަން ދިނުމަށް ދަތިވުން ފަދަ ކަންކަން ފެންނަ މިންވަރު އިތުރުވާ ކަމަށެވެ. މީގެ މާނައަކީ، ހަކުރު ގިނަ ކާނާއާއި ޕެކެޓު ކާނާ ގިނައިން ކާ ކުދިންގެ ބަނޑުގައި ނުބައި ބެކްޓީރިއާ ގިނަވެ، އޭގެ ސަބަބުން ސިކުނޑީގެ މަސައްކަތަށް ނުރަނގަޅު އަސަރު ކުރާ ކަމެވެ.
މި ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި އިންސާނާގެ މޫޑު ރަނގަޅުކޮށްދޭ ކެމިކަލް ކަމަށްވާ "ސެރޮޓޮނިން" ގެ 95 ޕަސަންޓު އުފެދެނީ ބަނޑުގައެވެ. މަޝްހޫރު ނިއުޓްރިޝަނިސްޓުން ވިދާޅުވާ ގޮތުގައި ކުއްޖާގެ ބަނޑުގެ ސިއްހަތު ރަނގަޅު ނޫންނަމަ، މި ކެމިކަލް އުފެއްދުމަށް ހުރަސްއެޅި، ކުއްޖާ އަބަދު ރޯން އުޅުމާއި ނުވަތަ މޫޑު ގޯސްވުން މެދުވެރިވެއެވެ. އެހެންކަމުން ކުއްޖާގެ އަޚުލާގު ރަނގަޅު ކުރުމަށް ފަށަންޖެހޭ ހިސާބަކީ ކާންދޭ ތަށިންނެވެ.
ކުދިންގެ ބަނޑުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ޑޮކްޓަރުން ލަފާދެނީ ޕްރޮބަޔޮޓިކްސް ހިމެނޭ ކާނާ ދިނުން އިތުރުކުރުމަށެވެ. މީގެ ތެރޭގައި ޔޯގަޓް އަދި ފައިބަރު ގިނަ މޭވާއާއި ތަރުކާރީ ހިމެނެއެވެ. އަދި ހަކުރު އެކުލެވޭ ބުއިންތަކާއި ޕްރޮސެސްކޮށްފައި ހުންނަ ކާނާ ވީހާވެސް މަދުކުރުމަށް އެ ފަރާތްތަކުން އިރުޝާދު ދެއެވެ.
މައިންބަފައިން މިކަމަށް ސަމާލުވެއްޖެނަމަ، ކުދިންގެ ޖިސްމާނީ ސިއްހަތުގެ އިތުރުން، ނަފްސާނީ ގޮތުން ވެސް އުފާވެރި ހަމަޖެހޭ ކުދިންތަކެއް ބިނާކުރެވޭނެކަން ޔަގީނެވެ.