އެޗްޑީސީން ބުނީ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިނަކީ، ރޯދައަށް ގޭބީސީތަކުން ތަކެތި އާކުރުމުގެ ތެރެއިން އެގޭގައި ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ.
އެގޮތުން މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވިދާނެކަމަށާއި މި ޕްރޮގުރާމުގެ ދަށުން ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެތިކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެޗްޑީސީން ކުރިޔަށް ގެންދިޔަ އެއްގައިން އަނެއް ގެއަށް ޕްރޮގްރާމްގެ ތެރެއިން
އެޗްޑީސީން ބުނީ މިއަހަރުގެ މި ޕްރޮގްރާމް މާދަމާއިން ފެށިގެން މިމަހުގެ 14 ވަނަދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެކަމަށެވެ. މި ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާނީ އެޗްޑީސީން ކަމަށް އެ ކުންފުންނިން ބުނެއެވެ. އަދި ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެނަމަ، އެތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު، އެ ފަރާތްތަކަށްކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެއްވެސް ފަރާތަކުން މި ޕްރޮގުރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅަން އެ ކުންފުނިން އެދެއެވެ.
ޕްރޮގްރާމް ކުރިޔަށް ދާ ގޮތް
މި ޕްރޮގުރާމުގެ މަގްސަދަކީ، ރަމަޟާން މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުންކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިއީ، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ނައްތާލަންޖެހޭ ކުނި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށްވެސް އެޗްޑީސީން ކުރިއަށްގެންދިޔަ މި ޕްރޮގުރާމަށް ބޮޑު ތަރުހީބެއް ލިބުންކަމަށް އެ ކުންފުނިން ބުނެއެވެ.