ads
ހުޅުމާލެގައި ބިނާކުރާ ގްރޭންޑް މޮސްކް (ބޮޑު މިސްކިތް) ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ ސެޕްޓެންބަރުގައި އަޅަނީ
ހުޅުމާލެގައި ބިނާކުރާ ގްރޭންޑް މޮސްކް (ބޮޑު މިސްކިތް)އަޅަން ފަންޑު ހަމަޖެހިފައިވާ ކަމަށާއި، އަންނަ ސެޕްޓެމްބަރު 13ގައި އެ މިސްކިތުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

ޝަހީމް ވިދާޅުވީ، މި މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގާއި ޕާކިން ވެސް ހިމެނޭނެ ކަމަށެވެ. އަދި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަަމަށްވެސް ވިދާޅުވި އެވެ.

މި މިސްކިތުގައި ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށާއި މިސްކިތުގައި ޑިޒައިން އެއްކޮށް ނިމުމުން ޢަދަދު ކަށަވަރުވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އިންޝާ ﷲ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ. މި މިސްކިތުގައި ގާތްގަނޑަކަށް 10 ހާސް މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ލަފާކުރެވޭ. (މިސްކިތުގައި ޑިޒައިން އެއްކޮށް ނިމުމުން އަދަދު ކަށަވަރުވެގެންދާނެ) މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު މިސްކިތަށް ވެގެންދާނެ،". ޝަހީމް ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެކަމަށާއި، މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައި ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އެންމެ ބޮޑު އިސްލާމީ ބިނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭގައި މީގެ 41 އަހަރު ކުރިން އިމާރާތް ކުރި އިސްލާމީ މަރުކަޒެވެ. އެތަނުގައި އެއްފަހަރާ 4،500 މީހުންނަށް ނަމާދު ކުރެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް