ads
ހުކުރު ހުތުބާ ދެނީ. މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ލޭ ހަދިޔާކުރުމުގެ މާތްކަމުގެ މައްޗަށް
ލޭހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސުވަރުގެ ވަނުމުގެ ނަސީބު ލިބޭ: ހުތުބާ
ލޭހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއްކަމަށާއި އެކަމުގެ ސަބަބުން ސުވަރުގެ ވަނުމުގެ ނަސީބު ލިބޭގެންދާނެކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.
Advertisement

ބްލަޑް ބޭންކުގައި ހުރި ލޭ އިންތިހާއަށް މަދުވެ، ލޭ ލިބުން ދަތިވެފައިވެ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވަނިކޮށް މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ލޭ ހަދިޔާކުރުމުންގެ މާތްކަމުގެ މައްޗަށެވެ. 

ހުތުބުގައި ބުނީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުމަކީ ސަދަގާތެއްކަމަށާއި ތިމާއަށް ކޮށްލެވޭ މި ފަދަ ހޭދައެއްގެ ސަބަބުން ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ވަނުމުގެ ނަސީބު ލިބެގެންދާކަމަށެވެ.

މާތް اللهގެ އަޅުތަކުންނަށް ޖެހޭ ބޭނުންތައް ފުއްދައިދީ، އެއުރެންނަށް ޖެހޭ ބޮޑެތި ކަންކަމުގައި މިއަދު އެހީތެރިވުމަކީ، މާދަމާ (އާހިރަތްދުވަހުން) ތިޔަބައިމީހުން އުފުލާންޖެހޭ ބޮޑެތި މުސީބާތްތަކުން ދިންނަވާނޭކަމެއްކަމަށް ހުތުބާގައިވެެއެވެ. އަދި ކޮންމެ މުސްލިމަކު ވެސް މިއަދު އަވަސްވެގަންނާންވީ އެ ދުވަހުގެ ބިރުވެރިކަމާއި، އަޒާބުން މިންޖުވާނޭ ޢަމަލެއް ކުރެވޭތޯކަމަ\ށާއި އެ ކަން ކުރެވޭން އޮތީ މިއަދުކަމަށްވެސް ހުތުބާގައިވެއެވެ.

" މާތް ނަބިއްޔާ ހަދީސްކުރައްވައިފައި ވެއެވެ. (مَنْ كَانَ فِيْ حَاجَةِ أَخِيْهِ كَانَ اللهُ فِيْ حَاجَتِهِ، وَمَنْ فَرَّجَ عَنْ مُسْلِمٍ كُرْبَةً فَرَّجَ اللهُ عَنْهُ كُرْبَةً مِنْ كُرُبَاتِ يَوْمِ الْقِيَامَةِ) މާނައީ: "ތިމާގެ އަހާގެ ބޭނުންތައް ފުއްދައި ދިނުމުގައި ދެމިހުންނަ މީހާގެ ބޭނުންތައް ފުއްދައި ދެއްވުމުގައި الله ދެމިވޮޑިގެންވެއެވެ. ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުސީބާތެއް ދުރުކޮށްދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ މުސީބާތްތަކުގެ ތެރެއިން މުސީބާތެއް الله ދުރުކޮށްދެއްވާނެއެވެ." ހުތުބާގައިވެއެވެ.

ލޭ އަޅާން ބޭނުންވާ ހާލަތްތަކުގައި، ބަލި މީހަކަށް އަޅާން ބޭނުންވާ ލޭ ހަދިޔާކޮށްދިނުމަކީ، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުން ފަދަ ކަމެއްކަން ބަޔާންކޮށް އެކަމުގައި ހުރި ދަރުމަޢާއި ސަވާބުގެ ވާހަކަތައް ހުތުބާގައި ވަނީ ހިމަނާފައެވެ. 

" ހަމަ އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، ކިހައި ވަރެއްގެ އަޖުރަކާއި ސަވާބެއް ހުރި ކަމެއްކަން ތިޔަބައިމީހުން ދަންނަމު ހެއްޔެވެ؟ ހައްގަކާ ނުލައި އެންމެ މީހަކު މެރުމަކީ، ދުނިޔޭގައި ވާހައި ބަޔަކު މެރުން ފަދަ ނުބައިކަމެކެވެ. ހަމަ އެ ފަދައިން އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، އެ އެންމެން ނުމަރައި ދިރިތިބޭން ދޫކޮށްލުން ފަދަ ހެޔޮ ކަމެކެވެ." ހުތުބާގައި ވެއެވެ.

ލޭހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއްކަމުގައި އިލްމުވެރީން ދެކެވަޑައިގަންނަވާކަމަށް ހުތުބުގައިވެއެވެ. އަދި އެއީ އިންސާނާ މަރުވުމަށް ފަހުގައި ވެސް، އެ ސަދަގާތެއްގެ ހެޔޮ އަސަރު ދެމިހުރިހައި ހިނދަކު، ސަދަގާތްކުރި މީހާއަށް ސަވާބު ލިބިލިބި ހުންނާނޭ ކަމެއްކަމަށްވެސް ހުކުރު ހުތުބުގައިވެއެވެ. 

އެހެންކަމުން ލޭ ހަދިޔާކުރުމަށް އަވަސްވެ ގަތުމަށް މިއަދުގެ ހުތުބާގައިވަނީ ގޮވާލާފައެވެ. 

މުސްލިމް އަހުންނޭވެ! މިއަދު ދިވެހިރާއްޖޭގެ ބުލަޑުބޭންކުތައް ވަނީ، ލޭހަދިޔާކުރާނެ މީހުންނަށް ބޭނުންވެފައެވެ. ތިޔައިން ބޭކަލަކު ހަދިޔާކުރާ ލެއަކީ، މީހެއްގެ ފުރާނަސަލާމަތްވުމުގެ ސަބަބަކަށް ވެއްޖެ ނަމަ ލިބޭނޭ ސަވާބާއި ދަރުމައާ މެދު ވިސްނައިލާށެވެ! އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ އެތައްބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނުމެވެ. ވީމާ ދަރުމަހުރި، އިންސާނިއްޔަ މި ޢަމަލާއިގެން ކުރިއަށްދިއުމަށް ގޮވައިލަމެވެ! ޝަރުއީ އަދި ސިއްހީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުތުހަމަވާ އެންމެން މި ކަމުގައި ބައިވެރިވާށެވެ! . ހުތުބާގައި ވެެއެވެ.

ލޭ ހަދިޔާކުރުމުގެ އިތުރަށް ވެސް މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވިދާނޭ ކިތަންމެ ކަމެއް ހުންނަން ހުތުބާގައި ވަނީ ބުނެދީފައެވެ. އެގޮތުން ކާންބޯން ނުލިބޭ މީހުންނަށް ކާނޭ އެތިކޮޅެއްދިނުން، ތަނަވަސްކަން ނެތުމުގެ ސަބަބުން ބޭސްފަރުވާ ނުކުރެވިގެން އުޅޭ މީހުންނަށް އެހީވެދިނުން، އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުތަކުގައި ކުރިމަތިވާ ހާދިސާތަކުގައި އަނިޔާވާ މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރުމާއި އެ މީހުންނަށް އަވަސްފަރުވާ ދިނުމާއި، ހޮސްޕިޓަލާހަމައަށް އެ މީހުން ގެންގޮސްދިނުމަކީ، އޭގެތެރޭގައި ހިމެނޭ ކަންކަންކަމަށް ހުތުބާގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް