މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ އެހީގައި ހަދައިދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައެވެ. މި މަސައްކަތް ކޮށްދެނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)ގެ އެހީގައެވެ. މި މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 23ގައި ޗައިނާގައިވަނީ ސޮއިކޮށްފައެވެ.
އޭގެ ފަހުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު 28ގައި ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވީ މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް 2025 ވަނަ އަހަރުގެ މެދުތެރޭ ފެށޭނެކަމަށެވެ.
މި އަހަރަށް ރައްޔިތުން މަޖިލިސް ހުޅުވާ ދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ މާލޭގެ މަގުތައް ހަދަން ފަށަން އަނެއްކާވެސް ތާރީހެއް ދެއްވާފައެވެ. ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދަން ހަމަޖެހިފައިވާ މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް މި އަހަރު ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ އަދި އަމަލީ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވެނީ މި އަހަރުގެ ފަހު ކޮޅުކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.