ads
ފަހި ޓަވަރުތަކެއް ކައިރިއަށް ކުނި އަޅައިފައި: އެ މައްސަލައިގައި މީހުން ޖޫރިމަނާ ކުރަން ވަނީ ފަށައިފައި - ފޮޓޯ/ އެފްޑީސީ
ފްލެޓްތަކުގެ ތިރިއަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ފަށައިފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 'އަމާން ޓަވަރު'ތަކުން އުސޫލާ ހިލާފަށް ކުނި އަޅައި ހަޑިކުރާ މީހުން ޖޫރިމަނާކުރަން ފަށައިފި އެވެ.
Advertisement

ދެތިން މަހެއް ކުރިން މީހުން ދިރިއުޅެން ފެށި، އެފްޑީސީ ފުލެޓުތައް ކައިރިއަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ ސޯޝަލްމީޑިއާގައި އަންނަނީ ކުރަމުންނެވެ. ދައުރުވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ގިނަ އަދަދަކަށް ބޮޑެތި ފޮށިގަނޑު ފަދަ ކުންޏާއި ކުނިވާ ޒާތުގެ އެއްޗެހި ވެސް އެ ސަރަހައްދަށް ވަނީ އަޅާފަ އެވެ. 

އެ މައްސަލައިގައި އެފްޑީސީން މީގެ ކުރިން ވަނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ހުޅުމާލޭގެ ފަހި ފްލެޓްތައް ލިބުނު މީހުން ޓަވަރުތަކުގެ ތިރި އާއި ބޭރަށް އަޅާފައި ހުރި ކުނިބުނި ނެގުމުގެ މަސައްކަތް އެފްޑީސީ އާއި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ. 

އެފްޑީސީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އަމާން ދޯދި މަޝްރޫއު ދަށުން އިމާރާތްކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް ޖުމްލަ 460 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުނި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެފްޑީސީ އިން ބުނީ އިމާރާތްތަކުގެ ކޮރިޑޯތަކާއި ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރުގ ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ މަނާ ކަމެއް ކަމަށެވެ.

"ގޭބީސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖް ރޫމްތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ކުނިވަށިތަކަށް. ޔުނިޓްތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި ފުޅިމަދު އަދި އެނޫންވެސް ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް،" އެފްޑީސީ އިން ބުނެފައިވެ އެވެ.

ކުނި އުކާލުމުގައި އުސޫލުތކަށް އަމަލުކުރުމަށް ނަސޭހަތްތެރިވެ އެފްޑީސީ އިން ބުނީ ގަވާއިދާ ހިލާފަށް ކުނި އުކާނަމަ އެ ކޯޕަރޭޝަން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖޫރިމަނާ ކުރަމުންދާނެ ކަމަށާއި އެގޮތުން ބައެއް މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. 

ފަހި ފްލެޓު ލިބުނު މީހުން އެ ތަންތަނަށް ބަދަލުވުމަށް ގެންދާ ސާމާނާއި އެ ތަންތަނުގެ އިންޓީިރިއާ މަސައްކަތުގައި އުފެދޭ ކުނިން ޓަވަރުތަކުގެ ތިރި އޮތީ ވަރަށް ބޮޑަށް ހަޑިކޮށްފަ އެވެ. އެގޮތުން ފަރުނީޗަރާއި، ތެލި ތައްޓާއި، އޭސީއާއި، ޓީވީ ފަދަ އެކި ސާމާނުގެ ފޮށިތައް ފްލެޓުތަކުގެ ކޮރިޑޯއާއި، ދޮރުމައްޗާއި، އެކި ތަންތަނަށް ޖަމާކޮށްފައި ހުއްޓެވެ. ބައެއް ޓަވަރުތަކުގެ ލިފްޓް ކައިރީވެސް ބޮޑެތި ކުނި ފުނިތައް ޖަހާފައި ހުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް