ޓްއަރިޒަމް މިނިސްޓްރީން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިމަހުގެ 9 ވަނަދުވަހުގެ ނިޔަލަށް 303،488 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 5.1 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 288،798 ފަތުރުވެރިންނެވެ.
މިމަހުގެ 8 ވަނަ ދުވަހަކީ ރާއްޖެއަށޤ ރިކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ. އެދުވަހު 10،462 ފަތުރުވެރިން ވަނީ ރާއްޖެއަށް އެތެރެވެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނަގައި މިހާރު އޮތީ ޗައިނާއެވެ. ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާތަނަށް ވަނީ 39000 ހާހަށް ވުރެ މައްޗަށް އަރައެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އަދި އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރެއިން ތިން ގައުމު ފިޔަވައި ހިމެނެނީ ޔޫރަޕްގެ ގައުމުތަކެވެ. ޔޫރަޕްގެ ގައުމުތައް ފިޔަވައި އެ ލިސްޓުގައި ޗައިނާގެ އިތުރުން ހިމެނެނީ އިންޑިއާ އާއި އެމެރިކާ އެވެ.
މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި މިއަހަރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގަނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ އިން 5.55 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 13.8 ޕަސެންޓްގެ ކުރިއެރުމެކެވެ.