އަންނަ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޔާމީންގެ ޕީޕަލް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން އެއްވެސް ކެނޑިޑޭޓެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓަކަށް ޕީއެންއެފުން ތާއިދުކުރަން ވަނީ ނިންމާފައެވެ.
އެގޮތުން ރައީސް ޔާމީންނާއި އެމަނިކުފާނުގެ ޕާޓީން ތާއީދުކުރަން ނިންމާފައިވަނީ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި އާދަމް އާސިފް (ލޯޔަރު އާސިއްޕެ) އާއި މައިމޫނާ ޝަފީޤުއެވެ.
މި ތިން ކެންޑިޑޭޓުންވެސް ވާދަކުރަނީ ހުޅުމާލޭގެ ދާއިރާތަކަށެވެ. އެގޮތުން ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވާދަކުރަނީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ. އާދަމް އާސިފް (ލޯޔަރު އާސިއްޕެ) ވާދަކުރަނީ ހުޅުމާލެ މެދު ދާއިރާއަށެވެ. މައިމޫނާ ޝަފީޤު ވާދަކުރަނީ ހުޅުމާލެ އުތުރު ދާއިރާއަށެވެ.
މި ތިން ކެންޑިޑެޓުންގެ އިތުރުން މާލޭގެ މޭޔަރުކަމަށް ވާދަކުރާ އިސްމާއިލް ޒަރިޔަންދަށްވެސް ރައީސް ޔާމީންނާއި އެމަނިކުފާނުގެ ޕާޓީން ތާއީދުކުރަން ނިންމާ އަންނަނީ ކެެމްޕެއިން ކޮށްދެމުންނެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ހުރިހާ ދާއިރާއަކަށް ވެރިކަންކުރާ ޕީއެންސީ އާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވާދަކުރެއެވެ. މާލޭ ދާއިރާގެ 17 ގޮނޑިއަށް 51 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެެއެވެ.