މީރާއިން ބުނީ މީ މިއަހަރުގެ ޖެނުއަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ 4.9 އިންސައްތަ ދަށް އަދަދެއްކަމަށެވެ. އެހެންނަމަވެސް މީ މިދިޔަ 2025 ގެ ޖެނުއަރީ މަހު ލިބުނު އާމްދަނީއަށް ވުރެ 33.1 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.
މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 180.42 މިލިއަން ޑޮލަރުވެސް ހިމޭކަމަށެވެ.
މިދިޔަ އަހަރުގެ ޖެނުއަރީއަށްވުރެ މި ޖެނުއަރީ ދައުލަތަށް ލިބުނު އާމްދަނީ އިތުރުވީ ބޭންކް އިންކަމް ޓެކުހާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިން ލިބިފައިވާ އާމްދަނީ އިތުރުވުމުންކަމަށެވެ. މީގެއިތުރުން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީން ލިބިފައިވާ އާމްދަނީ އިތުރުވުމަކީވެސް މިދިޔަ މަހުގެ އާމްދަނީ އިތުރުވި ސަބަބެއްކަމަށް މީރާއިން ބުނެއެވެ.
2024 ވަނަ އަހަރަށްވުރެ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7.4 އިންސައްތަ އިތުރުވެފައިވާތީ ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ކުރިއެރުން އައިސްފައިވާކަން މިރާއިން ފާހަގަކުރެއެވެ.
މިމަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ވުރެ އާމްދަނީ ދަށްވީ ވިޔަފާރި އާމުދަނީން ނަގާ ޓެކުހުގެ އާމްދަނީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާމްދަނީ އަދި ޑިޕާޗާ ޓެކުހުން ލިބިފައިވާ އާމުދަނީ ދަށްވުންކަމަށްވެސް މީރާއިން ބުނެއެވެ.
މިދިޔަ މަހު އެންމެ ބޮޑު އާާމްދަނީ އެއް ލިބުނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 1.79 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކުހުންނެވެ. އިންކަމް ޓެކްސްގެ ގޮތުގައި 1.54 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެއިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުން ފީގެ ގޮތުގައި 271.44 މިލިއަން ރުފިޔާއާއި ގްރީން ޓެކުހުގެ ގޮތުގައި 221.80 މިލިއަން ރުފިޔާއާއި އެއާޕޯޓް ޑިވެެލޮޕްމެންޓް ފީގެ ގޮތުގައި 188.85 ރުފިޔާއާި ޑިޕާޗާ ޓެކުހުގެ ގޮތުގައި 180.79 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.