އޭނާގެ ނަލަ ކަމާއި، ލައިގެން ހުރި ހެދުމުގެ ހިތްގައިމު ކުލަ، މިރޭގެ ހަފްލާގެ ޒީނައްތެރިކަމަށް ފުދެ އެވެ. މުޅި މެހެފިލްގައި ހުރި އެންމެ ހިތްގައިމު ރާނީއަކީ އަމާރާކަން ޝައްޔާންއަށް ފާހަގަވީ އެ ސިކުނތުގަ އެވެ. އަމާރާގެ ޝިފޯން ހެދުމުގެ ތުނިތުނި ފަށަލަތަށް ވައިގެ ތެރޭގައި ހޫރިގެން ދިޔައީ އޭނާ އެނބުރުނުލެއް ބާރުކަމުންނެވެ.
ބުނާނެ އެއްޗެއް ނޭގި ހަރަކާތް ހުއްޓިފައި ޝައްޔާންއަށް ހުރެވުނީ އާޝޯހްވެފަ އެވެ. އެއީ އޭނާ ކައިވެނިކުރި، މައުސޫމް އަމާރާ ތޯ އަމިއްލަ ހިތާއި ސުވާލުކުރެވުނެވެ.
ދުވަހެއްގައިވެސް އެފަދަ ގޮތަކަށް ޝައްޔާންގެ ގަދަރު، އަމާރާ ކުޑަކޮށްލާނެކަމަށް އޭނާއަށް ހުވަފެނަކުންވެސް ފެނިފައެއް ނުވެ އެވެ.
ކުރިމަތީން ގެއްލެންދެން، އަމާރާގެ ރީތި ސޫރައަށް ބަލަހައްޓައިގެން ހުރެވުނީ، އުތުރި އަރަމުންދިޔަ އެތަށް އިހްސާސްތަކަކަށް ދޭނެ ނަމެއްވެސް އޭނާއަށް ނުވިސްނުނީތީ އެވެ.
ބަދަލުކުރެވުނު ހޫނު ބަސްތަކަށް ޝައްޔާން ވިސްނާލި އެވެ. އޭނާއަށް ޔަގީންކުރެވުނީ އެންމެ ކަމެކެވެ. ކަފުންކޮށް ވަޅުލާފައިވާ ބޮޑު ސިއްރެއް އެދެމެދުގައި ވެ އެވެ. ހަތަރުކަޅި ހަމަ ކުރުމަށް އަމާރާ ފަސްޖެހެން މަޖުބޫރުކުރުވާ ސަބަބެއް އެބައޮތެވެ.
ކިތަންމެ ފުނަށް ކޮންނާން ޖެހުނަސް، 'ސަބަބު' ހޯދުމަށް އޭނާ އަޒުމުކަނޑައެޅި އެވެ.
..................
ހަފްތާއެއް ފަހެވެ.
ގަޑިން މެންދުރު ފަހު ތިނެއްޖަހަނީ އެވެ.
އަމާރާއާއި ބެހޭގޮތުން މައުލޫމާތު ހޯދަން ޝައްޔާންކުރި އެއްވެސް މަސައްކަތަކުން ކުރިއެރުމެއް ނުލިބުނެވެ. ކާރުގައި އައިސް، ޕާކިންގައި ކާރު ބާއްވާފައި އޭނާ ދެންމެ ގަތް މާ ބޮނޑި ހިފައިގެން މިސްރާބު އެ ޖެހީ އޭނާގެ އުއްމީދުގެ ދަތުރުގައި އެންމެ ފަހު މަންޒިލަށެވެ. މި ވަގުތަކީ ހޮސްޕިޓަލުގައި އަމާރާގެ ތިއޭޓާރ ޑިއުޓީ ކުރިއަށްދާ ވަގުތަށްވާތީ އޭނާ ގެއަށް ނާންނާނެކަމުގެ ސަތޭކަ އިންސައްތައިން މަތިން ޝައްޔާންއަށް ޔަގީންކަން އެބައޮތެވެ. ޝައްޔާން އެ ވަރު ޔަގީން ކުރީ އަމާރާގެ ހޮސްޕިޓަލަށް ގޮސް، ޑިޕާޓްމެންޓުން މައުލޫމާތު ހޯދައިގެންނެވެ.
އެޕާޓްމެންޓުގެ ބެލް ޖަހައިލުމާއެކު އެތެރެއިން ގޮވައިލި އަޑު އިވުނެވެ.
"ކަމިންގ"
ހިތް ކިތަންމެ ބާރަށް ތެޅުނަސް، މި ނޫން އެހެން އެއްވެސް ގޮތެއް ޝައްޔާންއަށް ނެތުނީ އެވެ. ނުތަނަވަސްކަމާއެކު އަވަސްއަވަހަށް ނޭވާލަމުން ދަނިކޮށް، ދޮރު ހުޅުވައިފި އެވެ.
"އައްސަލާމް އަލައިކުމް، އާންޓީ.." ކުރިމަތީގައި ހުރީ އަމާރާގެ މަންމަ އެވެ.
ކުއްލިޔަކަށް ޝައްޔާން އައުމުން ފަރީހާގެ އަނގަ ހުޅުވި، އެސްފިޔަތަކުގެ ހަރަކާތް ހުއްޓިއްޖެ އެވެ. ބޮޑު ކޮށްލެވުނު ދެ ލޮލުގެ ކަޅި ހިނގާލަންވެސް ފަރީހާ ހަނދާންނެތެވެ.
"އެތެރެއަށް ވަދެލިޔަސް އެންމެ ރަގަޅުތޯ، އާންޓީ؟" ފަރީހާގެ ހަރަކާތެއް ނެތުމުން ސުވާލުކުރީ ޝައްޔާން އެވެ.
"ވައަލައިކުމް ސަލާމް، ދަރިފުޅާ ވަދޭ އެތެރެއަށް.." އަވަސް އަވަހަށް ފަރީހާ ބުނެލި އެވެ. ރާފީއާއި ފަލަކްގެ ކައިވެނީގެ ފަހުން އެ ގެއަށް 'މެހެމާނަކު'އައި މިހީ ފުރަތަމަ ފަހަރެވެ.
ޝައްޔާން އެތެރެއަށް ވަނުމުން، ފަރީހާއަށް ބަލައިލެވުނީ ގަޑިއަށެވެ. އެއީ ގެއަށް 'އެފަދަ މެހެމާނަކު'އައުން އެންމެ މުނާސިބު ވަގުތު ނޫންކަން ފަރީހާގެ ހަވަނަ ހިއްސު ބުނެލި އެވެ.
"ފަލަކްމެން ހަނީމޫނަށް، ފުރިފަހުން އާންޓީމެންގެ ހަބަރެއްވެސް ނުވާތީ، ހިތަށް އެރީ ހާލު ބަލާލަން މިއަދު މި ގަޑީގައި އަންނާނީއްޔޭ.." ސީދާ ޓާގެޓަށް ވާހަކަ ފަށަން ޝައްޔާން ޖެހިލުންވީ އެވެ.
"މިއީ އާންޓީއަށް ގެނައި ހަދިޔާއެއް"
އަތުގައި އޮތް މާބޮނޑި ދިއްކޮށްލަމުން ޝައްޔާން ހިނިތުންވި އެވެ. ޝުކުރު އަދާކުރަމުން، ހިނިތުންވެފައި މާބޮނޑީގައި ފަރީހާ ހިފީ އުފަލުންނެވެ.
"ދަރިފުޅާ އިށީންދޭ، މިއަދު ދެން ދާންވާނީ ކައިގެން" ހިތްހެޔޮކަމާއެކު ފަރީހާ ބުންޏެވެ. އެއްބަސްވުމުގެ ގޮތުން ޝައްޔާން ބޯޖަހައިލި އެވެ. ސޯފާގައި އިށީންދެފައިވެސް ފަރީހާ ބަދިގެއަށް މިސްރާބު ޖެހުމުން، ފަރީހާގެ ފަހަތުން ޝައްޔާން ހިނގައިގަތެވެ. އެކުވެރިކަން ބަދަހިކުރި ވަރަކަށް އޭނާގެ މަގުސަދު ކާމިޔާބުވުން ގާތްކަން ޝައްޔާންއަށް ޔަގީންވާތީ އެވެ.
"އަމާރާވެސް ގޭގައި ނެއް ވަގުތަކީތޯ؟ އަމާރާ ނެތިއްޔާ އެކަނިވެރިކަން ފިލުވާލަން އަޅުގަނޑަށް ނުގުޅަނީ ކީއްވެތޯ؟" މަޖާވެލާފައި ބަދިގެ ކައުންޓަރުގައި ޝައްޔާން ލެނިގިލި އެވެ.
"މިގޭގައި އުޅެނީ " ފަރީހާގެ ޖުމުލަ ފުރިހަމަ އެއް ނުކުރެވުނެވެ. ޝައްޔާންގެ މަގުސަދާއި، އޭނާގެ ސުވާލުގެ ޖަވާބާއި ސިކުނޑިއާއި ހިތުގެ އުދާސްތަށް ފޫއަޅުވާލަފައި، ދުވެފައި އައިސް އެވަނީ އެ ގޭގެ ދޮރުން އެތެރެއަށެވެ.
"ފޭކް ޕާޕާ؟ އޯ މައި ގޯޑް... މައި ފޭކް ޕާޕާ..!!!" ދެ އަތް ފުޅާކޮށްލާފައި ދުވެފައި އައިސް ކިސްވާ ފުންމައިގަތީ ޝައްޔާންގެ އަތު ތެރެއަށެވެ.
ބުނާނެ އެއްޗެއް ނޭގުނީ ހަމައެކަނި ފަރީހާއަކަށް ނޫނެވެ. ހައިރާންވެ އަންތަރީސްވެ، ލޮލާއި ބޮލާއި ސިކުނޑީއާއި ހިތުގައި ސުވާލުތަށް ދައުރުވާން ފެށީ ޝައްޔާން ބޮލަށް އެނބުރުން އަރާ މިންވަރަށެވެ. ދެއަތުގެ ތެރޭގައި ކިސްވާ ބޮޑިކޮށްލައިގެން ބައްދާލިޔަސް، ހިނިތުންވާނެ ހަކަތައެއްވެސް ޝައްޔާންގެ ނެތެވެ.
ހަތަރެސް ފައި ފިނިވެ، ޝައްޔާން ގަނޑުވެއްޖެ އެވެ. ޖަހަމުންދިޔަ ވިންދާއި ދައުރުވަމުންދިޔަ ލޭގެ ޕްރެޝަރަށް ބަދަލު އައިސްފި އެވެ. ބޮލަށް އެނބުރުން އެރީ ސިކުނޑިއަށް ކެތް ނުވުމުންނެވެ. އަތުން ލޫދިގެން ދިޔައިރުވެސް ޝައްޔާންގެ ހިމާޔަތުން ކިސްވާ ދުރަށް ނުލި އެވެ. އެކަން ފަރީހާއަށް ފާހަގަކުރެވުމުން، ޝައްޔާންއާއިމެދު ފިކުރުބޮޑުވި އެވެ.
"ކިހިނެއްވީ ދަރިފުޅާ، އަވަހަށް އިށީންދޭ.. ބަލިވެތަ ތިއުޅެނީ..؟ ވަރަށް އަވަހަށް ލުނބޯ ފެންތައްޓެއް ހަދާލާނަން.. ހަމަޖެހިލާ..!" ޝައްޔާންގެ އަތުގައި ހިފައިގެން ގެނެސް ގޮނޑީގައި ބޭންދި އެވެ.
"ކިސްވާ ދޭ ފެންވަރާލަން ދަރިފުޅާ، ނަމާދުކޮށްލައިގެން ކާން އާދޭ.. މާމަ ކާން ތައްޔާރުކޮށްލާނަން" ސިއްރުކުރެވޭނެ ހާލަތެއް ނެތުމުން، ހިންދިރުވާލާފައި ފަރީހާ އިހްތިޔާރުކުރީ، ހަގީގަތުގެ މަގެވެ.
"ފޭކް ޕާޕާ ނުދައްޗޭ..! ކިސްވާ ފެންވަރައިގެން ނަމާދުކޮށްލައިގެން ވަރަށް އަވަހަށް އަންނާނަން.." ލޯބި އަޑަކުން ކުޑަކުޑަ ދަރިފުޅު ބުންޏެވެ.
ޝައްޔާންގެ ކަނދުރާގައި ނުހަނު ލޯބިން ބައްދާލާފައި، ކިސްވާ ހިނިތުންވެލީ، ޝައްޔާންގެ މޫނުގެ ދެފަރާތުން ހިފަހަށްޓާލާފަ އެވެ.
"މާމަ ލެމަން ވޯޓާރ ދެއްވީމަ، ހުސްކޮށްލައްޗޭ..! އެއީ މާމަގެ މެޖިކް ވޯޓާ.. އެ ބޯލީމައި އެއްފަހަރުން ބަލި ރަގަޅުވާނެ" ޝައްޔާންގެ ހާލަތަށް ކިސްވާ ފިކުރުބޮޑުވި މިންވަރު އެނގުމުން ހިތުގައި ރިއްސާލި އެވެ. ދެ ލޯ ފެންކަޅިވި ސަބަބެއް ޝައްޔާންއަށް ނުވިސްނުނެވެ.
"އޯކޭ! މަޑުކުރާނަން" މަޑުމަޑުން ވައި އަޑުން ޝައްޔާން ބުނެލި އެވެ.
ފެނުނު މަންޒަރާއި،އިވެމުންދާ އަޑުތަކާއި ކުރެވެމުންދާ ބާރުގަދަ އިހްސާސް ހަޖަމްކުރުމަކީ ޝައްޔާންއަށް މިވަގުތު ކުޅަދާނަ ކަމެއް ނޫނެވެ.
ކުރިމަތީން ކިސްވާ ގެއްލުމުން، ބޯ އަރިކޮށްލާފައިވެސް ޝައްޔާން ބަލައިލި އެވެ. ކިސްވާއާއި އޭނާ އެފަދަ ބާރުގަދަ އިހްސާސަކުން ގުޅުމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ ގާތްވެފައި ކިސްވާ ދުރުވެލާ ކޮންމެ ވަގުތެއްގައި ހަށިގަނޑުގެ ހުސްކަން ޝައްޔާން މާޔޫސްކޮށްލަނީ ކީއްވެ ހެއްޔެވެ؟ ފެންކަޅިވި ދެ ލޯ ފޮހެލާފައި ޝައްޔާން ބަލައިލީ، ފަރީހާ އަށެވެ. އެސްފިޔަ ޖަހައިވެސް ނުލައި ފަރީހާ، ޝައްޔާންއަށް ބަލަން ހުރިކަން އެނގުމުން އަނެއްކާވެސް އުފެދުނީ ސުވާލެވެ. އެކަމަކު މިއަދުގެ މިގަޑީގައި މިގެއަށް އައި މަގުސަދު ހާސިލްކޮށްފައި ނޫނީ އެ ގެއިން ނުނިކުތުމަށް އެވަގުތު ޝައްޔާން އަޒުމު ކަނޑައެޅީ އޭނާގެ އަމިއްލަ ނަފުސަށް ގޮންޖަހާފަ އެވެ.
"އެއީ... ކޮން.. ކުއް..
"އެއީ ކިސްވާ، އަމާރާގެ ދަރިފުޅު" ޝައްޔާންގެ ސުވާލު ފުރިހަމަކުރާންވެސް ފަރީހާ ފުރުސަތު ނުދިނެވެ.
ޝައްޔާންގެ ތަލިން ކުޅު ހިކި، ނޭވާ ހޮޅިން އޮކްސިޖަން ހުސްވެއްޖެ އެވެ. ދުނިޔޭގެ ހަ ފަރާތުން އޭނާ ފިއްތާލައިފި އެވެ. ކަންފަތުގެ ހިނދުރި ފަޅައިގެން ދާވަރަށް ފަރީހާގެ އަޑު އޭނާގެ ކަންފަތުގައި ގުގުމާލި އެވެ. (ނުނިމޭ)