ފުލުހުން ބުނީ ފުރަތަމަ އެކްސިޑެންޓު ހިނގީ ރޭ 21:40 އެހައިކަންހާއިރުކަމަށެވެ. ދެ ސައިކަލް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި އެ ދެ ސައިކަލްގައި ތިބި ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށެވެ. އަދި މި އެންމެންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި މީހުން ގޮވައިގެން ހޮސްޕިޓަލަށް ދަތުރުކުރި އެމްބިއުލާންސްވެ އެކްސިޑެންޓުވެ ގެއްލުންތަކެއް ލިބުނުކަަމަށެވެ. ހިތަދޫ ބޮޑުމަގުން ދިޔަ މި އެމްބިއުލާންސް ޖެހިފައިވަނީ ކާރެއްގައިކަމަށާއި އެހެންނަމަވެސް، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
އެމްބިއުލާންސްގައި ޖެހުނު ކާރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައިކަމަށް ފުލުހުން ބުނެއެވެ.
އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބީވެސް އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ދެ މީހުންކަމަށް ފުލުހުން ބުނެއެވެ.