އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި މި މާހެފުމުގެ ފޮޓޯތައް ފުލުހުން އާއްމުކުރި އިރު ކޮމިޝަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ފެންނާކަށް ނެތެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި މާހެފުމުގައި އެމަނިކުފާނުގެ އަރިހުގައި އިންނެވީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.
މީގެ އިތުރުން، ވަޒީރުންނާއި ފުލުހުންގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކު ތަކުގެ ފުލުހުންގެ އިތުރުން އާންމު މުވައްޒަފުން ވެސް މި މާހެފުމުގައި ބައިވެރިކަމަށް ފުލުހުން ބުނެއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން މަގާމުން ރިޓަޔާ ކުރަންވަން ނިންމެވިކަން އޭނާ އިއްޔެ ވަނީ އިއުލާން ކުރައްވާފައެވެ. އެހެންނަމަވެސް މަގާމާ ހަވާލިވިތާ އަހަރެއްވެސް ނުވަނީސް ނަވީން މަގާމުން ރިޓަޔާ ކުރައްވަން ނިންމެވި ސަބަބެއް ވިދާޅެއް ނުވެއެވެ.
ކުރިން ސީޕީގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލިއަކަށް މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ފުރަތަމަ އައްޔަން ކުރީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. އެހެންނަމަވެސް ފަރުހާދު އޭނާގެ ދަރިފުޅު ކުށަކުން ސަލާމަތްކޮށްދޭން ހެކި ނަތްތާލިކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވުމުން ފަރުހާދު މަގާމަށް އައްޔަންކުރިތާ 24 ގަޑިއުރުވެސް ނުވަނީސް ސީޕީކަމުން ވަކިކުރިއެވެ. އެއަށްފަހު މިދިޔަ އަހަރުގެ ޖޫންމަހުގެ 10 ވަނަ ދުވަހު އިސްމާއިލް ނަވީން ސީޕީކަމަށް އައްޔަން ކުރިއެވެ.