މިސްރުގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި، ޑޮކްޓަރުންގެ ލަފާގެ މަތިން ބަލި ކޮންޓްރޯލް ކުރެވިފައިވާ ގިނަ މީހުންނަށް ރޯދަ މަހު އެއްވެސް ނުރައްކަލަކާ ނުލައި ރޯދަ ހިފޭނެއެވެ. މިކަމަށްޓަކައި ކެއުމާއި ބޭސް ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.
ރޯދަ ވީއްލާ ވަގުތު، ނުވަތަ އިފްތާރުގައި މާ ގިނައިން ކެއުމަކީ ނޭވާ ހިއްލާ މީހުންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް މިސްރުގެ ހެލްތް މިނިސްޓްރީން ބުންޏެވެ. ބަނޑު ފުރޭވަރަށް ކެއުމުގެ ސަބަބުން ނޭވާލާން އުނދަގޫވެ، ބަލީގެ އަސަރު ބޮޑުވެދާނެ އެވެ. މީގެ އިތުރުން، ރޯދަ ވިއްލުމުން ފެށިގެން ހާރުކެއުމާ ދެމެދު ގިނައިން ތާފަނާ ފެން ބުއިމަށް އެ މިނިސްޓްރީން އިރުޝާދުދެ އެވެ. ހަށިގަނޑުން ފެން މަދުވިޔަ ނުދީ ހިފެހެއްޓުމަކީ ނޭވާލާ ނިޒާމުގެ މަސައްކަތްތައް ފަސޭހަކޮށްދީ، ބަލީގެ އުނދަގޫތަކުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ނޭވާ ހިއްލާ މީހުން ބޭނުންކުރާ އިންހޭލާ ފަދަ ބޭސްތައް ގަވާއިދުން ބޭނުންކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރިއެވެ. ޑޮކްޓަރުގެ ލަފަޔާ ނުލައި އެއްވެސް ބޭހެއް ހުއްޓާލުން ނުވަތަ ބޭސް ކާ ގަޑިތަކަށް ބަދަލު ނުގެނައުމަށް ވަނީ އަންގާފަ އެވެ.
ދީނީ ގޮތުން ވެސް އަމިއްލަ ސިއްހަތު ރައްކާތެރިކުރުމަށް އިސްކަންދޭންޖެހޭއިރު، ރޯދަ ހިފުމުގެ ސަބަބުން ބަލިމީހާގެ ފުރާނައަށް ނުރައްކާވާނަމަ ރޯދަ ދޫކޮށްލުމަށް އިސްލާމްދީނުގައި ވެސް އޮންނަނީ ލުއިދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;