ބުނާނެ އެއްޗެއް ނުވަތަ ދިފާއުވެވޭނެ އެއްގޮތެއްވެސް ނެތްކަން އިހުސާސްވުމުން ޝައްޔާންގެ ކޯ ކަށިގަނޑަށް އިންތިހާ ބާރުލާފައި ފިއްތާލެވުނީ، ތުހުމަތުން މިންޖުވެވޭނެ ގޮތެއް ނެތީތީ އެވެ. އެ ބުނަނީ ތެދު ހަގީގަތެވެ.
"އަމާރާ...!!؟" އަމިއްލަ ނަފުސުގެ ކުށްވެރިއެއް ފަދައިން ޝައްޔާން ބަލައިލީ އަމާރާގެ ލޮލަށެވެ. ކުށްވެރިކަމުގެ ބިޔަރާޅުތައް އޭނާގެ ކަނދުރާއަށް ބިންދަމުން ދިއަޔަސް އެ އޮއެވަރުން ސަލާމަތްވާނެ މަންޒިލެއް ނުވަތަ އައްސޭރިއެއް ފެންނާކަށް ނެތެވެ.
"ހިތްދަތިކޮށް، އަނިޔާއެއް ދިނުމުގެ އެއްވެސް ނިޔަތެއް އަހަރެންގެ ނެތް.. ހެޔޮނުބައި އަހަންނަށް ނުވިސްނުނީ.. އެއީ އަހަރެންގެ މިޒާޖު ދޯ..! ރުޅިއާއި ނަފްރަތުގައި ހަދާނެ ނުހަދާނެގޮތެއްވެސް ނޭގުނީ.. ލޯބިވާ އަނބިމީހާއާއި މަންމައާއި ދެމެދު ފިތިފައި ހުންނާން މަޖުބޫރުވީ އަހަންނަށް.. އެކަމަކު ހުވާކޮށްފައި ބުނަން، އަމާރާދެކެ އަހަރެންވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެ..!" މައުސޫމް ކުޑަކުއްޖަކު ފަދައިން ލޯބިގޮތެއް މޫނުން ދައްކާލާފައި ޝައްޔާން ބުނެލި އެވެ. އަމާރާގެ ދަތްކުނޑިވިކާލެވުނީ، ފާއިތުވެދިޔަ އަހަރުތަކުގައިވެސް ޝައްޔާންގެ މިޒާޖަށް ކުޑަވެސް ބަދަލެއް އައިސްފައި ނުވާތީ އެވެ. އަންބަކު ހުރެ ހަތް އަހަރު ފާއިތުވީ އެވެ. ދުނިޔޭގައި ހުރި ތޯ، ނެތް ތޯ ވެސް ބަލައިނުލަ އެވެ. އެކަން އެއީ ކުށެއްކަމަށް ދެކި މައާފަށް އެދެންވެސް ޝައްޔާން އަދިވެސް ހިތަށް ނާރަ އެވެ.
ޝައްޔާންގެ މައުސޫމްކަމާއި ފަރުވާކުޑަކަމާއި މަންމަދެކެގަންނަ ބިރު ވަރަށް ރަގަޅަށް އަމާރާއަށް އަންދާޒާ ކުރެވެ އެވެ. ހަތްއަހަރު ފާއިތުވެގެންދިޔައިރު އޭނާގެ އަނބިމީހާގެ ޒިންމާ ނުނެގުމަކީ، ފަސޭހައިން މައާފު ލިބެންޖެހޭނެ ކަމެއް ނޫންކަން ޝައްޔާންއަށް ނޭގުނީތީ އަމާރާ ހައިރާނެއްވެސް ނުވި އެވެ. އެނބުރި އައުމެއް ނެތްގޮތަށް ކުރިމަތީން ގެއްލޭން ޝައްޔާން ކުރި އަމުރާއި އެރޭ ބުނި ޒަހަރުގެ ބަސްތަށް މިއަދުވެސް ތާޒާކަންމަތީގައި ހިތުގައި ވެއެވެ.
ހިތްފުރައި ނޭވާއެއްލާފައި ޝައްޔާން ބަލައިލީ އާދޭހުގެ ބެލުމަކުންނެވެ.
"ކިސްވާއަށް މާބަނޑުވުމާއި، ނުވަތަ ކިސްވާއާއި ބެހޭގޮތުން އެކައްޗެއްވެސް އަހަންނަކަށް ނޭގެ.. އެކަން އެނގުނުނަމަ، ހާލަތު ބަދ..
"އަންބަކު ހުންނަކަން އިނގޭތަ؟ ކިސްވާއާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭގުނީ، އެ ހަށިގަނޑެއްގައި ކިސްވާ އުފެދި ބޮޑުވަމުންއައި އެދަރިފުޅުގެ މަންމަގެ ހާލުވެސް ޝައްޔާން ބަލައިލާން ބޭނުން ނުވީތީވެ..! އަހަންނަށްޓަކައި ޝައްޔާންގެ ހިތުގައި ކުޑަވެސް ގަދަރެއް ނެތް..!" އަސަރުން ފުރިގެންވީ އަޑަކުން ހިތްދަތިކަމާއެކު އަމާރާ ބުނެލި އެވެ.
އެއްޗެއް ބުނާން ޝައްޔާން އަނގަހުޅުވާލި ވަގުތު މޭޒުމަތީގައި ބާއްވާފައި އޮތް އޭނާގެ ފޯނު ރިންގުގެ އަޑުން ކެބިންގެ މާހައުލު ބަދަލުވެއްޖެ އެވެ. ދެމީހުންނަށް ސްކްރީނަށް ބަލައިލެވުނީ އެކުއެކީގަ އެވެ. ދިއްލެމުން ދިއައީ ޒަޔާނާގެ ނަމެވެ.
މުޅި ކާއިނާތުގެ ދިރުން ނެތިކޮށްލިފަދަ ވަގުތެކެވެ. އިންޒާރަކާއި ނުލައި ކުރިމަތިލާންޖެހުނު ކާރިސާއެއްގެ ވަގުތު ފަދަ އެވެ. ހިތް ހިލަވެ، ކަރުނަ ހުއްޓުމަށް ސިކުންތެއްވެސް ނުނެގި އެވެ. މޫނުމަތީގެ މަސްތަކަށް ބާރުލިބި އަމާރާގެ ނޭވާގެ ހިނގުންވެސް ބަދަލުވެއްޖެ އެވެ. އުއްމީދުގެ ހިމަހިމަ ވާފަށަކުން ދުނިޔޭގެ ހީނަރުކަމަށް ބަހާރުމޫސުމެއް ގެނެވިދާނެކަމަށް ހީކުރެވުނީ މީގެ ކުޑަކުޑަ ހިނދުކޮޅެއް ކުރިންނެވެ.
ނަމަވެސް އެއީވެސް ބިލާހެކެވެ. ރޯމާ ދުވާލު ފެނުނު އަވާމެންދުރެއް ފަދަ އެވެ. ކޯތާފަތުގައި ތަތްވެފައިވާ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން އަމާރާގެ ހަށިގަނޑު ސީދާކޮށްލި އެވެ.
"އިޓްސް އޯކޭ!" ފަރުވާލެއް ނެތް ފަދައިން އަމާރާ ބުނެލި އެވެ. "އެއްވެސް އެއްޗެއް ބުނެދޭން މަސައްކަތްކުރާކަށް ނުޖައްސާނަން" އަމާރާ ބުންޏެވެ.
"އަމާރާ، ތިޔަ ހީކުރާފަދަ އެއްވެސް ކަމެއް މި ދެމެދުގައި ނެތް!" ފޯނު ޖީބަށް ލުމަށް ޝައްޔާން ހަރަކާތްކޮށްލި ވަގުތު އަމާރާ އިޝާރާތްކުރީ އޭނާގެ އަތުންނެވެ.
"ބޭނުމެއް ހުރިކަމެއް ނޫން.. ކުޑަވެސް ތަފްސީލެއް ބޭނުމެއް ނޫން..! ހުރިހައި ކަމެއް ވަރަށް ސާފު.. ހަތް އަހަރު ފާއިތުވެގެން ދިޔައިރު އަހަރެންނަކީ ޝައްޔާންއަށް، ހަމަ ނެތް މީހެއް..! އެކަމަކު މިވަގުތު ސާބިތު މިވީ، ޝައްޔާންގެ މުސްތަގްބަލަކީ ޒަޔާނާ ކަން.. ޝައްޔާންގެ ދުނިޔެއަށް ފެތޭ، އެއް ފެންވަރެއްގެ އެއް ދުނިޔެއެއްގެ، އެއް ގިންތިއެއްގެ ބައިވެރިޔަކަށް ޝައްޔާންގެ އާއިލާއާއި ޝައްޔާން ކުރަމުންދިޔަ އިންތިޒާރުގެ ނިމުން ގެނެސްދިނީ އޭނާ.. އެފަދަ އިންސާނާއަށް ދުނިޔޭގެ ހުރިހައި އުފަލެއް ދޭނެކަމަށް އުއްމިދުކުރަން.. އެއީ ޝައްޔާންގެ ނަމާއި، ގަދަރާއި އިއްޒަތާއި ފެންވަރުގެ ގޮތުން އެންމެ ފުރިހަމައަށް ތިޔަ ދުނިޔެއަށް ފެތޭ ބައިވެރިޔާ..!" ބުނަން ބޭނުން އެއްޗެއް މިފަހަރުވެސް އަމާރާ ބުނެލީ އިސްޖަހައިލުމެއް ނެތި އެވެ.
"އަހަރެންނާއި އަހަރެންގެ ދަރިފުޅު ކިސްވާއަށް، ޝައްޔާންގެ ދުނިޔެއިން ޒައްރެއްގެ މިންވަރުވެސް ޖާގައެއް ނެތް! އެކަން ސާބިތުކޮށްދިނީތީ ޝުކުރިއްޔާ" އަމާރާ ބުނެލީ އިންތިހާ ހިތްވަރާއެކު އެވެ.
ހާސްވެ، ނޭވާ ހޮޅިން އޮކްސިޖަން ހުސްވެ، ފިކުރުބޮޑުވަމުންދިޔަކަން ޝައްޔާންގެ ކޮންމެ ހަރަކާތަކުން ދިޔައީ ފެންނަމުންނެވެ.
"ތިހެން ނުބުނޭ.. އަހަރެންނާއި ދުރަށް ނުދޭ.. ފަސްއެނބުރި ނުދޭ..! އިތުރަށް މިކަމުގައި އަހަންނަށް ވޭންތަކެއް ތަހަންމަލްކުރާން ނުޖައްސާ.." ކިތަންމެ އާދޭހެއް ޝައްޔާން ކުރިއަސް، އަމާރާ ފަސްދީފި އެވެ.
އެބަސްތަކާއި އާދޭސްތަކުގައި އަގެއް ނެތެވެ. ދެންމެ ދެންމެ އޮހޮރިގަތުމަށް ތައްޔާރުވަމުންދިޔަ ކިތަންމެ ކަރުނައެއް ސިއްރުކުރަން އަމާރާއަށް މިވަގުތު މަޖުބޫރެވެ. ނަގަމުންދިޔަ ކޮންމެ ފިޔަވަޅެއްގެ ބަރުދަން އިހްސާސްކުރުމުގެ ކުޅަދާނަކަމެއް އަމާރާގެ ފިރިމީހާއަށް ލިބިފައި ނުވާކަން އޭނާއަށް ޔަގީނެވެ.
ލޯ ކުރިމަތީން އަމާރާ ގެއްލުނުއިރިވެސް ޝައްޔާންގެ ފޯނު ރިންގުގެ އަޑު ނުކެނޑެ އެވެ. ތަކުރާރުކޮށް ގުޅަމުންދިޔައީ ޝައްޔާން އެ ފޯނަށް ޖަވާބު ނުދީގެންނެވެ.
ހުރި ފިޔަވަޅުމަތީގައި ޝައްޔާން ހުއްޓައި، ކެބިންގެ ދޮރު ލައްޕައިފި އެވެ.
އަމާރާ ލޯމަތީން ގެއްލެންދެން ޝައްޔާން ހުރީ އޭނާއަށް ބަލާށެވެ. އެއީ އޭނާގެ ހިތު ލޯތްބެވެ. ލޮލުގެ ނޫރުފަދަ ދަރިއަކު އުފަންކޮށް ދުނިޔޭގެ އެންމެ މަތިވެރި ތަރުބިއްޔަތުން އެދަރިފުޅުގެ މުސްތަގްބަލަށް ބިންގާ އަޅައިދިން ޝައްޔާންގެ ލޯބިވާ ކިސްވާގެ މަންމަ އެވެ.
ބީވެ ދިއުމަށްފަހު އުއްމީދުގެ ކުރި ރޯވަމުން ދަނިކޮށް، ކުއްލިޔަކަށް ބާރުގަދަ ކެމިކަލެއްގެ އަސަރުން އެ ދިރުންވެސް ނެތިކޮށްލީ އެވެ. ސަބަބަކީ އެންމެ ކަމެކެވެ. ކުރި ކުށް، ފޮހެލުމުގެ ގާބިލުކަން ޝައްޔާންގެ ކިބައިގައި ނެތުމެވެ.
ހަގީގަތާއި ކުރިމަތިލާންވެސް ޝައްޔާންއަށް ނޭގުނެވެ.
ހުރިހައި އުއްމީދެއް ގެއްލި ފަނާވީ އެވެ. އަނބިމީހާ އެ ދިޔައީ ކުރިއަށްވުރެން ފުން، މާސިންގާ ފުނުން އެތަށް ޒަހަމެއް ދީފަ އެވެ. އެއީ ދުވަހެއްގައިވެސް ފަސޭހަވުމެއް ނެތް ފާރުގަޑެއްގެ ގޮތުގަ އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;