ads
ނޭނގި ހިތް ގެއްލުނީ - 79 ވަނަ ބައި
އެޕިސޯޑް 79
Advertisement

ބެލްކަންޏަށް ނިކުމެ، ޗެންޗޭނުގައި ޝައްޔާން ލެނގިލި އެވެ. ޝެހެރުގެ ކުދި ބޮޑެތި ދިއްލުންތަކުން މާދުރުދުރަށް ދާންދެން ފެންނާން އޮތީ އަލިކަމެވެ. އުއްމީދުގެ ރޫހެއް މެނުވީ އެއިން މިސްރާބަކުން މިރޭ ޝައްޔާންއަށް އަމާޒުނުވެ އެވެ. 

މަސްދުވަހުގެ ދިގު ހަނގުރާމައެއްގައި ސާބިތުވެ ހުރެ، މިރޭ ޝައްޔާން އެއައީ އެ ހާޖާނުގަނޑުން މިންޖުވެގެންނެވެ. ހަތަރެސް ފަޔާއި ލޮލާއި ބޮލަށް ލިބިފައިވާ ލުއިކަމުގައި އަމާރާ ނޫން މީހަކަށް މިރޭ ޝައްޔާންއަށް އަރާމެއް އިހްސާސްކޮށް ނުދެވޭނެ އެވެ. މަންމައާއި ބައްޕަ އަދި އާއިލާގެ އިތުރުން ދުނިޔޭގެ ލޯތަކާއި، އެބަޔަކާއެކު ޝައްޔާން ހަދާފައިވާ އަގުބޮޑު އެތަށް އެއްބަސްވުމެއް އުވާލުމަށް އޭނާ ޖެހިލުމެއް ނުވި އެވެ. ފާސްޓް ޓްރެކްގައި ހުރިހައި މައްސަލައެއް ނިންމުމާއި،  ބޮޑެތި އަދަދުތަކުން ދައްކާންޖެހުނު ޖޫރިމަނާތަކަށް އޭނާގެ ފަރުވާލެއް ނެތެވެ.  

އަނބިމީހާއާއި ދަރިފުޅާއި ނުލައި ދުނިޔޭގައި އެންމެ ދުވަހެއްވެސް އިތުރަށް އޭނާ ތަހަންމަލްކުރާން ދެން ބޭނުމެއް ނޫނެވެ. ކާމިޔާބު ވިޔަފާރިވެރިޔަކަށްވުމަށް އަޒުމު ކަނޑައަޅައިގެން ހާސިލްކުރި މަތީތައުލީމުގެ ބޭނުން އޭނާ ހިފާންވީ ވަގުތު މިއީކަމަށް މިރޭ ޝައްޔާން އެ ނިންމީ، އަމާރާގެ ގޭގެ ދޮރުން އެތެރެއަށް ވަދެފަ އެވެ. ދުނިޔެއިން ލިބުނު ކާމިޔާބާއި އާންމުންގެ ލޯތްބާއި އިހްތިރާމަށް އޭނާ ގަދަރު ކުރާނެ އެވެ. ނަމަވެސް ސްކްރީނުން ދުރަށްދާން ނިންމީ 'އާއިލާ'ގެ ހައްގުގައި އެވެ. 

ގަދަ އަރާރުމާއި ޒުވާބަށްފަހު މަންމައާއި ބައްޕަ އަދި އެތަށް ކަރުނައަކަށް ފަހު އަމާރާގެ މަންމަގެ މައާފު މިއަދު ޝައްޔާންއަށް ލިބުމުން، އަނބިމީހާއާއި ދަރިފުޅު ފިޔަވައި އެހެން އެއްވެސް އެއްޗެއް މި އުޑުދަށުން އޭނާ ދެން ބޭނުމެއް ނޫނެވެ. ފުރާނައިގައި ވަގުތު އޮތްނަމަ ބުރަ މަސައްކަތުން، ކާމިޔާބު ވިޔަފާރިއެއް ޝައްޔާން ފަށާނެ އެވެ. އޭގައި ބަރަކާތް ލައްވައިފިނަމަ، އޭނާގެ އަނބި ދަރީން ދިރިއުޅޭނީ އޭނާގެ ބުރަމަސައްކަތުން ހޯދާ ހަލާލު ފައިސާއިންނެވެ. 

ނޭފަތުގައި ޖެހުނު ހިތްގައިމު ވަހުން، ޝައްޔާންގެ ހިޔާލްތަށް އެއްފަރާތް ވެއްޖެ އެވެ. ފަސް އެނބުރި ބަލައިލެވުނީ ދުން އަރަމުންދިޔަ ދެ ކޮފީ ތައްޓާއެކު ލުއި ހިނިތުންވުމެއްގައި ހުރި އޭނާގެ ހިތުގެ ރާނީއާއި ދިމާއަށެވެ. އެއް ތަށި ކޮފީ އަމާރާގެ އަތުން ލިބިގަތުމަށްފަހު އަނެއް އަތުން އަމާރާ ގެނެސް ގަޔާއި ކައިރިކޮށްލާފައި އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސާލާފައި ފިއްތާލި އެވެ. ދެމީހުންގެ ދެ ހަށިގަނޑު ނުޖެހޭނެ ވަރުގެ ދުރުމިން އެދެމެދުގައި ޝައްޔާން ބެހެއްޓީ އަމާރާއަށް އޮތް އިހްތިރާމެއްގެ ސަބަބުންނެވެ. ބެލްކަނީން އެތެރެއަށް ވަދެ، ސޯފާއާއި ހަމައަށް އަމާރާ ގެނައީވެސް އެ އަތުގައި ޝައްޔާން ހިފައިގެންނެވެ.

"ތެންކިއު..ރަހައިގައި ކުޑަވެސް ބަދަލެއް ނެތް..!" ކޮފީ ފޮދެއް ބޯލާފައި ދެލޯ މަރައިލި އެވެ. އަދި ހިތުގައި ފިރުމާލާފައި ޝައްޔާން ބުނެލީ އަމާރާގެ ލޮލަށް ބަލާލާފަ އެވެ. 

"ކިހިނެއްވީ؟ ހަމަ ވަރަށް ކުއްލި ގޮތަކަށް މި ގަޑީގައި..؟" އިހްތިރާމާއެކު ވަރަށް މަޑުމަޑުން އަމާރާ ސުވާލުކޮށްލީ ޝައްޔާންގެ އިހްސާސްތައް އެނގިހުރެ އެވެ.

ހުރިހާ ކަމެއް ނޭގުނަސް، ޝައްޔާން ކުރަމުންދިޔަ ބޮޑެތިކަންކަމާއި އުނދަގޫ ނިންމުންތަކުގެ މައުލޫމާތު އަމާރާ އޮޅުންފިލުވަމުންދިޔައީ ތަސްކީން މެދުވެރިކޮށެވެ. ޝައްޔާންއަށް އިތުރު ތުރާލެއް ދިނުމަކީ ދުވަހެއްގައިވެސް އަމާރާ ނުކުރާނެކަންކަމެވެ. 

އަމާރާގެ ސުވާލަށް ޝައްޔާން ޖަވާބެއް ނުދިނެވެ. އިރުކޮޅަކު ބަލަން ހުރެފައި ޖީބުން ނަގައި، ދިއްކޮށްލީ އޭނާގެ ފޯނެވެ. އަތުގައި ހުރި ކޮފީ ތަށި ބަހަށްޓާފައި ފޯނުގައި ހިފީ ދެ ބުމަ ދޭތެރެއަށް ރޫ އަރުވާލާފަ އެވެ. 

"ޕްލޭ، ޕްލީޒް!" ލޮލުން ފޯނަށް އިޝާރާތްކޮށްފައި ޝައްޔާން ބުނެލީ މަޑުމަޑުންނެވެ.

ފޯނުން ފެންނަމުންދިޔައީ ވީޑިއޯ އެކެވެ. ދަތުރު ގޮއްސައި އައި ދުވަހު މުޅި ވުޖޫދަށް ލޮޅުން ގެނުވި ވީޑިއޯއަކީ އެއީ އެވެ. ޓީވީތަކުން ފެނުނީ އެމަންޒަރުގެ 'އެހެން ސިފަ އެކެވެ' މިވަގުތު ފެންނަމުން އެދާ ވީޑިއޯގައި އެބުނާ ފަދަ ނުވަތަ އެދުވަހު ދެއްކިފަދަ އަމަލެއް 'ޒަޔާނާއާއިއެކު' ޝައްޔާން ކޮއްފައެއް ނެތެވެ. ދެމީހުންގެ މޫނު ގާތްވިޔަސް، ކައިވަތަކަށްވުރެން އެންމެ އިންޗިއެއްވެސް ކައިރިވެފައި ނެތެވެ. އެފަދަ ދަށުދަރައިގެ އަމަލަކާއި އަޅުވައި ޝައްޔާންއާއި އަމާރާގެ މުޅި ދިރިއުޅުން ސުންނާފަތި ވެގެން ދިޔަ ހަގީގަތް އެ އޮތީ އަމާރާގެ ލޯ ކުރިމަތީގަ އެވެ.

އަމާރާގެ ދެ ލޯ ބޮޑުވެގެން ދިޔައިރު، އޭނާގެ އަނގަމަތީގައި އަތް އަޅައިފި އެވެ. 

"މީގެ މާނައަކީ، ތި ދެ މީހުންގެ ގުޅުމާއި، އަހަރެންނާއި ބެހޭގޮތުން އޭނާ އެދެއްކި ވާހަކަ ތަކަކީ ޝައްޔާން ބުނެގެން ދެއްކި ވާހަކަތަކެއް ނޫން ދޯ؟ އެ ހުރިހާ ވާހަކައަކީ އޭނާ ހަދަހަދައިގެން ދެއްކި ވާހަކަތަށް..؟؟ އެކަން އޭނާ ކުރީ، އަހަރުމެންގެ ދިރިއުޅުން ހަލާކުކޮށްލަން ..؟!" ފެންކަޅިވެފައި އަމާރާ ބުނެލިއިރު އޭނާގެ އަޑު ބެދިއްޖެ އެވެ.

ހައިރާންވެފައި ޝައްޔާން އަމާރާއަށް ބަލައިލީ ދެ ލޯ ބޮޑުކޮށްލާފަ އެވެ.

"ވެއިޓް، ވަޓް؟ ޔޫ މެޓް ޒަޔާނާ..؟" އެއްވެސް އިރެއްގައި އަމާރާއާއި ޒަޔާނާ ބައްދަލުވެފައި އޮތްކަމެއް މީގެކުރިން ޝައްޔާން ހީކުރެވިފައެއްވެސް ނެތެވެ. އިވުނު އަޑު ގަބޫލުކުރާން ފަސޭހަ ނުވިޔަސް، އަމާރާގެ ހަރަކާތްތަކުން ޝައްޔާން އަޖައިބުވެ އަންތަރީސް ވެއްޖެއެވެ. އަމާރާއާއި ޒަޔާނާ ބައްދަލުކުރީ ކޮން އިރަކު ކޮންތާކުން، ކޮން ބޭނުމަކު ހެއްޔެވެ؟ 

އަމާރާގެ ބޮލުން އިޝާރާތްކޮށްލީ، އާއެކޭ ބުނުމުގެ ގޮތުންނެވެ. 

"އަހަރެންގެ އެޕާޓްމެންޓަށް އައީ އޭނާ.." ހަނދާންކުރަން ބޭނުން ނޫނަސް، އެ ހިތި މާޒީ އޭނާގެ ކުރިމަތީގައި ރޯލްވާން ފަށައިފި އެވެ. 

"އޭނާ ބުނީ، އަހަރެންނާއި ބެހޭގޮތުން ވަރަށް ގިނަ ވާހަކަތަށް ޝޫޓްތެރޭގައި ޝައްޔާން ދައްކާކަމަށް.. އަހަންނަކީ ޝައްޔާންއާއި އެއްގޮތަކުންވެސް އަރާއަރަފޯދިގެންވާ މީހަކަށް ނުވިޔަސް، 'ޓައިމް ޕާސް'ކޮށްލަން ރަގަޅު މަންޒިލެއް ކަމަށް..! ދުވަހެއްގައިވެސް އަހަންނާއިމެދު ޝައްޔާން ސީރިއަސް ނަޒަރަކުން ނުދެކޭކަމަށް.. އަހަރެންނާއެކު ޝައްޔާން ކެތްކުރީ އެންމެ ސަބަބަކަށްޓަކައި ކަމަށާއި އެއީ ފިލްމް ސްޓާރެއްގެ ނަޒަރުން ޝައްޔާންއާއިމެދު ނުދެކޭތީކަމަށް..! އަދި ދާދި އަވަހަށް، ޝައްޔާންގެ މަންމަގެ ރުހުމަށް ތި ދެމީހުންގެ އެންގޭޖްމެންޓް ނުވަތަ ރަންކިޔަން ހަމަޖެހިފައި އޮތްކަމަށް.." ކަޅިޖަހައިނުލައި ބަލަހައްޓައިގެން އިން ޝައްޔާންއަށް އަމާރާ ބަލައިލި އެވެ. 

"އޭނާއަށް ހުރިހައި ކަމެއްގައި އެހީތެރިވެދެނީ ޝައްޔާންގެ މަންމަ.. އެ ފިލްމުގައި އޭނާ ހިމަނަށް ނިންމީވެސް، އެ ދާއިރާއަށް އޭނާ ނެރުނީވެސް ޝައްޔާންގެ މަންމަ.." އަހަރުތަކަކަށްފަހުވެސް އެވާހަކަ ދައްކަން އަމާރާއަށް ފަސޭހައެއް ނުވި އެވެ. 

ކަރުބެދި، ދެ ލޯ ރަތްވެއްޖެ އެވެ. ސޯފާގެ ތެރެއަށް ޝައްޔާންގެ ހަށިގަނޑު ލޫދިގެން ދިޔައީ އޭނާގެ މުޅިހަށިގަނޑުން ވާގިދޫވެގެންނެވެ. މޫނުގައި ދެ އަތް އަޅައި، ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އޭނާގެ އަތުގެ އިނގިލިތަށް މަހައިލި އެވެ. 

"ތި އިން އެއްވެސް ކަމެއްގެ ހިލަމެއްވެސް އަހަންނަށް ނުވޭ، އަމާރާ! އަހަރެންވެސް އަހަރެންގެ މަންމަވެސް ބޭނުންވެގެން އިއުލާންކުރި ކުރުމެއް ނޫން އެއީ.. އެކަމަކު އެވަރު ނުކޮށް، ޒަޔާނާ ދޫ ނުކުރި.. އޭނާގެ މަޅީގައި މުޅި ސޯޝަލް މީޑިއާއި ނޫސް މަޖައްލާތަށްވެސް އޮތީ ހައްޔަރުކޮށްލާފައި.. އަހަރެންގެ މަންމަ އޭނާގެ ބާރުގެ ދަށަށް ގެނައި ގޮތެއް ނުވެސް އިނގޭ.. އެކަން އިނގޭކަށް، ނޫނީ އެކަން ވީގޮތް ހޯދާ ބަލާކަށްވެސް އަހަރެން މަސައްކަތެއް ނުކުރަން.. ނުވެސް ކުރާނަން.. ކުޑަކޮށްވެސް އަހަރެން ހިތަކަށްނާރާ އަހަރެންގެ ހިތާމައިގެ އަސްލަކީ މަންމަކަމަށް ވެދާނެ ކަމަކަށް.. އަމާރާއި ހަމައަށް އެފަދަ ކަމެއް އަތުވެފައި އޮވެދާނެކަމަށް ހިތަކަށްވެސް ނާރާ..!" ނާއުއްމީދާއި ނަފްރަތާއި ހާސްކަމާއި ފޫހިކަން ޝައްޔާންގެ މޫނުމަތީން ދިޔައީ ފެންނަމުންނެވެ. އެންމެ އިތުބާރުކުރި އިންސާނާ އޭނާއަށް ދޯކާ ދިނީ އެވެ. މަންމަ ބުނި ކޮންމެ ކަމަކަށް ޝައްޔާން އާން ބަސް ބުނަމުން އައީ ސުވާލަކާއި ނުލަ އެވެ. 

ހިމޭންކަން ނޫނީ ސިޓިންގ ރޫމްގައި ނެތެވެ. އިވުނު އަޑު ހަޖަމުކުރާނެ ހަކަތަ ޝައްޔާންގެ ހަށީގައި ނެތެވެ. މަންމަގެ ކޮންމެ އެދުމަކަށް ޝައްޔާން އައީ ތަބާވަމުންނެވެ. ނަމަވެސް ދުނިޔެއިން ހަމައެކަނި ޝައްޔާން އޭނާއަށްޓަކައި ހޯދި 'އުފާ' އެފަދަ ގޮތަކަށް މަންމަ ފޭރިގަތްފާނެކަމަށް އޭނާ އުއްމީދުކުރާން ހިތަށްވެސް އަރާފައި ނެތެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;