އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިއްޔެ އިސްވެ އީރާނަށް ދިން ހަމަލާތަކާ އެކު، އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާތަކެއް ދީފަ އެވެ. އެއާ އެކު، ގަލްފް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ބައެއް ސަރަހައްދުތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ.
އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ސަރަހައްދުގެ ގައުމުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ކިޔަވާކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާ މެދު ސަރުކާރުން ކަންބޮޑުވާ ކަމަށެވެ.
ރާއްޖޭން ބޭރުގައި ތިބި ދިވެހި ކިޔަވާކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިވެހި ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ދިނެވެ.
މި ދަނޑިވަޅުގައި ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ މިނިސްޓްރީން އެންމެ އިސްކަންދޭނެ ކަންތައް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.
ހަނގުރާމައާ ގުޅިގެން ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު ވަނީ، ނުވަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;