އެ މިސްކިތް ހިމާޔަތް ކުރަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރާ ހުސައިން ފުރުޝާނެވެ.
އޭނާ ހުށަހަޅާފައިވާ ޕެޓިޝަނިގައި ވަނީ މާލޭ ބަންޑާރަ މިސްކިތް އެންމެ ޚާއްވަނީ އިނގިރޭސި ޙިމާޔަތުގެ އަޅުވެތިކަމަށް ދިޔުމާ އަދި އެ އަޅުވެތިކަމުން މިނިވަންވުމާ ބަންޑާރަ މިސްކިތާ ގުޅިފައިވާތީ ކަމަށެވެ. އަދި، އިނގިރޭސީންގެ އަތުން ރާއްޖެ މިނިވަންވުމާއި ގުޅިފައިވާ ހުރިހާ ތަނެއް މިހާރު ނައްތާލެވިފައިވާ ކަމަށާއި އެ ހަނދާންތައް މިހާރު ހަމައެކަނި ފެންނަން ހުރި ބިނާއަކީ ބަންޑާރަ މިސްކިތް ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.
މާލޭގައި ހުންނަ ދުވަސްވީ ބަންޑާރަ މިސްކިތް ތަޅާލަން ސަރުކާރުން ނިންމައިފައިވާތީ، އެ މިސްކިތުގެ ތާރީޚަށް އަލިއަޅުއްވާލައްވައި، އެ މިސްކިތް ތަޅާލުމަކީ ތަރިކައެއް ނައްތާލުން ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދުވެސް ވަނީ ވިދާޅުވެފަ އެވެ.
ޕެޓިޝަނަކަށް ސޮއި ހަމަކުރުމަށް 42 ދުވަސް ނުވަތަ ހަ ހަފުތާގެ މުއްދަތެއް ލިބޭނެ އެވެ. އީޕެޓިޝަންތަކުގައި އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް ސޮއި ދެވޭނެ އެވެ.
ޕެޓިޝަނަކަށް ސޮއި ލިބޭ މިންވަރަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން އެޅުމަށް ލާޒިމުވާ ފިޔަވަޅުތައް އަޅާނެ އެވެ.
އާ މިސްކިތެއް އަޅަން ނިންމުމުން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި އިސްލާމިކް މިނިސްޓަރު ވިދާޅުވެފައި ވަނީ ބަންޑާރަ މިސްކިތަކީ ތާރީހީ ތަނަކަށް ވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފަ، އެއާ އެއްގޮތަށްކަމަށް ވިދާޅުވެ ބަންޑާރަ މިސްކިތް ހުރިތާ އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާން ބޭނުންވާކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;