އިރު އޮއްސުމާއެކު މިސްކިތަށް ދިއުމަށް ދެބަފައިން ގެއިން ނިކުންނާން ހިގައިގަތް ވަގުތު އަހަރެން ގޮވާލީމެވެ. އަހަރެން ތައްޔާރުކޮށްފައިވާ ފްރޭމް ދެ ބަފައިންނަށް ދައްކައިލީމެވެ. އެ ގެއަށް ވަންނަ ކޮންމެ މީހެއްގެ ލޮލުގައި ފުރަތަމަ އަޅައިގަންނަ ގޮތަށް ބަހައްޓާފައި ހުންނަ ހަޔާތުގެ ބޮޑުފޮޓޯ އަށްވެސް އިޝާރާތް ކުރީމެވެ.
އެ ފޮޓޯގެ ބަދަލުގައި އަހަރެން ހިފަހައްޓާއިގެން ހުރި ފޮޓޯ ބެހެއްޓުން އެންމެ ރަގަޅުތޯ ސުވާލުކުރީމެވެ. އެކަކު އަނެކެއްގެ މޫނަށް ދެބަފައިން ބަލައިލި އެވެ. ރާބިތުގެ ނުތަނަވަސްކަން ވަރަށް ސާފެވެ. އެއްޗެއް ބުނާން ބޭނުން ނުވާކަމަށް އިޝާރާތް ދައްކާލާފަދަ ގޮތަކަށް ރަޝްދާންގެ ދެ ކޮނޑު އަރުވާލި އެވެ.
އަހަރެންގެ ބުރަ މަސައްކަތަށްވެސް ރަޝްދާން ތައުރީފެއް ނުކުރި އެވެ. އަހަރުމެންގެ 'އާއިލީ ފޮޓޯ' ކުރެހީ އަހަރެންގެ ދެ އަތުންނެވެ. ފްރޭމް ކުރީވެސް އަހަރެންގެ ދެ އަތުންނެވެ. އެއީ ހަމައެކަނި ފަންސޫރުގެ މަސައްކަތެކެވެ. މައުރަޒަކަށް ލީ ނަމަވެސް ބޮޑު އަގުގައި ވިއްކާލެވޭނެވަރުގެ ފުރިހަމަ ފަރުމާއެކެވެ. ރަޝްދާންގެ ޝައުގުވެރިކަމެއް ނެތް ހަރަކާތުން އަހަރެންގެ ހިތް ރޮއްވާލި އެވެ. ނަމަވެސް މަގުސަދު ހާސިލްކުރުމަށްޓަކައި މިކަން އަހަރެން ކުރާނަމެވެ.
މިފަހަރު ގޮތް ނިންމީ އަހަންނެވެ. ވަކި ކަމެއް ސާބިތުކުރުމަށެވެ. އެއްޗެއް ރަޝްދާންއަށް ވިސްނައިދިނުމަށެވެ.
ގޭގެ ދޮރާއި ދިމާއަށް ހުންނަ މައި ފާރުގައި ހުރި ހަޔާތުގެ ފޮޓޯ، ޖެހިލުންވެފައި ހުރެވެސް ބިސްމި ކިޔާފައި އަހަރެން ނެގީމެވެ. އަދި މުޅިން އަލަށް އަހަރެންގެ ދެ އަތުން ތައްޔާރުކުރި ބޮޑު ފޮޓޯ ލޯގަނޑު ހަމަ އެތަނުގައި ހަރުކުރީމެވެ.
އެވަގުތު ބޮލަށް އެނބުރުންވެސް އެރި އެވެ. އަހަރެންގެ ގައިގައި ބަރު އެއްޗަކުން ޖެހިހެން ހީވި ކިތަންމެ ފަހަރެއް ހިގައްޖެ އެވެ. ފަރުވާލެއް ނުބަހައްޓަމެވެ. ސިޓިންގ ރޫމްގެ ކަނާތް ފަރާތު އަރި މަތީ ފާރުގައި ހަޔާތުގެ ފޮޓޯ ހަރުކުރީމެވެ. ގެނެވުނު ބަދަލުގެ ފުރިހަމަކަމަށްޓަކައި އަހަރެން ހިތްހަމަޖެހުނެވެ.
މަސައްކަތް ކުރުމުން ހަޑިވެފައި އޮތް ތަން ސާފުކޮށްފައި އަހަރެން ދިޔައީ ވުޟޫކޮށްގެން ނަމާދަށް އަރާށެވެ.
ދެ ނަމާދު ދޭތެރޭގައި ކިޔަވައި ނުލެވުނީތީވެ، އިޝާއަށްފަހު ކޮޓަރީގައި މަޑުކުރީ ކިޔަވާލުމަށެވެ. ރޭގަނޑަށް ހުންނާނީ ކައްކާފަ އެވެ. އެމީހުން އައުމުން ގިނައިރެއް ނުކޮށް ކާން ހަދާލެވޭނެ އެވެ. ކިޔަވަން އިން ސޫރަތް ނިމުމާއެކު ހަތިމް ލައްޕާލީމެވެ. ގޭގެ މައި ދޮރު ހުޅުވި އަޑަށެވެ. ދޮޅި ނުބޭލި އުޅެނިކޮށް ކޮޓަރިއަށް ރަޝްދާން ވަދެއްޖެ އެވެ. އޭނާގެ މޫނަށް ވަރަށް ރަގަޅަށް ބަލައިލީމެވެ. ތަފާތު އަސަރެއް ފެނޭތޯ އެވެ. ލިބުނީ ހައިރާންކަމެވެ. ނުތަނަވަސްކަމެއް ނުވަތަ ހިތްހަމަ ނުޖެހުމެއްވެސް އެ މޫނުމަތީގައި ނުވެ އެވެ.
ލިބުނު ހިތްހަމަޖެހުމުގައި ރަޝްދާންގެ ގައިގައި އަހަރެން ބައްދާލީމެވެ. އެވަރު ބޮޑު ބަދަލެއް އޭނާގެ ގެއަށް އަހަރެން ގެނައުމުންވެސް ރަޝްދާންއަށް އެކަން އެންމެ ރަގަޅުވީތީ އެވެ.
އަހަރެންގެ ހިނިތުންވުމާއި އެފަދަ ވަގުތެއްގައި ގައިގޯޅިވުމުގެ ސަބަބަކީ ކޮބައިތޯ ރަޝްދާން ސުވާލުކުރި އެވެ. ހިނިތުންވުމެއް ނޫނީ ޖަވާބުގައި ނުދިނުމަށް އަހަރެން ނިންމީމެވެ. ދޮޅިއާއި މުސައްލަ އަދި ހަތިމްވެސް އޮންނާންޖެހޭތަނުގައި ބާއްވަފައި ރަޝްދާންގެ އަތުގައި ހިފައިގެން ކޮޓަރީން ނިކުތީމެވެ.
ނާރުތަކުގެ ލޭ ހިނގުން ބަދަލުވާން ސިކުންތެއްވެސް ނުނެގި އެވެ. ދެފައި ދަށުން ބިންގަނޑު ދެމިގެންހެން ހީވި އެވެ. އޭނާގެ އަތް އަހަރެންގެ އަތުތެރޭން ދޫވެއްޖެ އެވެ. ކުޑަމިނުން ހެނދުނުގެ ކުރީން މިފަދަ ކަމަކާއި ކުރިމަތިލާން ނުޖެހޭނެކަމަށް ކުރިން އަހަރެން ހީކުރީމެވެ.
އެކަމަކު ހެނދުނު ނުވަތަ މެންދަންވާނީ މި ދެމެދުގައި ގަޑިއެއްގެ އިރުވެސް ވެގެންތާ އެވެ. އެތަނަށް އަހަރެން ގެނައި ބަދަލު ފެންނާކަށް ނެތެވެ. ކަނާތްފަރާތު ފާރުގައި ތޮރުފާފައި ޖެހި މުކޮޅުފިޔަވައި އެހެން މަސައްކަތެއް އެތަނުން ފެންނާކަށްވެސް، ފާހަގަކުރެވޭކަށްވެސް ނެތެވެ.
ހަޔާތުގެ ފޮޓޯ އިނީ ކުރިން އިން މަގާމުގަ އެވެ. އަހަރެންގެ އުފެއްދުން އޮތީ ފަރުވާކުޑަގޮތަކަށް، ސޯފާ މައްޗަށް އެއްލާފަ އެވެ. ބޮލަށް އެނބުރުން އެރީ ކުރިޔަކުން ނޫނެވެ. އަހަރެންގެ ފުށްކިބައިގައި ނުހަނު ބާރަށް އެއްޗަކުން ޖެހިހެން ހީވުމުން އެތަނުގައި އަހަރެން އަތް އެޅީމެވެ. ރަޝްދާންގެ މޫނުމަތިން އެއްވެސް ތަފާތެއް ނުފެ އެވެ. އަހަރެންގެ ހަރަކާތަށް އައި ބަދަލުވެސް އޭނާއަށް ފާހަގަކުރެވުނުހެން ހިޔެއް ނުވެ އެވެ.
ލިބުނު މާޔޫސްކަމުގައި ހިތްވަރު ގަދަވެ، އަހަރެންގެ ނަފުސުގެ ޖޯޝް އިތުރުވެގެން ހިނގައިދާނެކަމަށް އުއްމީދެއްވެސް ނުކުރަމެވެ. ރިހެމުންދިޔަ ބޯ ހަނދާން ނައްތާލާފާއި ރަޝްދާންގެ ކުރިމައްޗަށް ހުއްޓުނީމެވެ.
އަހަރެންގެ މަސައްކަތާއި މެދު ހިތްހަމަނުޖެހޭނަމަ އެކަން މަނާ ނުކުރީ ކީއްވެތޯ ސުވާލުކުރީމެވެ. މިއީ މިފަދަ މޭރުމަކުން ރަޝްދާންއާއި އަހަރެން ކުރިމަތިލާ ފުރަތަމަ ފަހަރެވެ. ފަރުވާކުޑަގޮތަކަށް ބޯ ހޫރުވާލާފައި އޭނާ ގޮސް އިށީނީ ސޯފާގަ އެވެ.
އަހަރެންގެ ސުވާލު ތަކުރާރުކުރީމެވެ.
ދެ ލޯ ފެންކަޅިވެއްޖެ އެވެ. އަހަރެން ކުރާ އެއްވެސް ކަމެއް ރަޝްދާންއަށް ކަމުނުދަންޏާއި އަދި ގޭގެ ތަރުތީބަށް ގެންނަ ބަދަލު ހިތްހަމަނުޖެހެންޏާއި އެވާހަކަ ނުބުނަނީ ކީއްވެތޯވެސް ސުވާލުކުރީމެވެ. ތަބީއަތުގައިވެސް ރަޝްދާންއަކީ މަޑުމައިތިރި ބަސް މަދު މީހެކެވެ. އެކަމަކު އަހަރެންގެ މި ނުތަނަވަސްކަމަށް ތަސައްލީއެއް ގެނެސްދެވޭނެ ހަމައެކަނި މީހަކީ ރަޝްދާންކަން އޭނާއަށްވެސް އެނގެންވާނެކަމަށް އަހަރެން ގަބޫލުކުރަމެވެ.
އެތައް ފަހަރަކު އަހަރެންގެ ސުވާލުތަށް ތަކުރާރުކުރީމެވެ. އެތަށް ކަމެއް އެއް ޖުމުލައެއް ތެރޭގައި އަމުނާލީމެވެ. ޖަވާބު ދިނުމަށް ރަޝްދާން ހަރަކާތްކޮށްލި ވަގުތު އަހަރެން ހިމޭންވީމެވެ. ގޭތެރޭގައި ނުފެންނަ ކިތަންމެ ކަމެއް ހިނގިޔަސް މިވަގުތު ފަރުވާލެއް ނެތެވެ. ކިތަންމެ ގާތުގައި ނުފެންނަ މީހަކު ނުވަތަ 'އެ ރޫހު' ހުއްޓަސް އަހަރެންގެ މައްސަލައެއް ނެތެވެ.
ރަޝްދާންގެ ޖަވާބު މިރޭ އަހަންނަށް ވަރަށް މުހިއްމުވާތީ އެވެ. ނަމަވެސް ޖަވާބު ލިބުނީ ދިމާ އިދިކޮޅަށެވެ. އަހަރެންގެ އެއްވެސް މަސައްކަތަކާއިމެދު ރަޝްދާންގެ ހިތްހަމަނުޖެހުމެއް ނޯންނަކަމަށް ބުންޏެވެ. އަދި ކަންކަން މާ ބޮޑުކޮށްގެން އަހަރެންގެ ހިޔާލީ ދުނިޔެއެއްގައި އުޅެނީކަމަށް އޭނާ ބުނެލީ ވަރަށް އާދައިގެ ގޮތަކަށެވެ. އަހަންނަށް ލިބިފައި ހުންނަ އަނިޔާއާއި ކޮންމެ ދުވަހަކު އެތަށް ފަހަރަކު ކުރިމަތިވާ ހާދިސާތަކާއި ގޭތެރެއިން އިވޭ އަޑު ތަކަކީ އަހަރެންގެ ވަހުމު ކަމުގައި ރަޝްދާން ބުނެލީ އަހަރެންގެ އިހްސާސާއިމެދު ވިސްނާލުމެއް ނެތި އެވެ.
އޭނާ ބުނާން ބޭނުންވި ހުރިހައި އެއްޗެއް ބުނެލީ ހިމޭންކަމާއެކު ހިނިތުންވެފަ އެވެ. އެކަމަކު ދުވަހަކުވެސް އެ ދެ ލޮލުން ނުފެންނަ ކިތަންމެ ކަމެއް، ކިތަންމެ އިހްސާސެއް، ކިތަންމެ ވާހަކައެއް އެވަގުތު އަހަރެން ދުށީމެވެ. ދުލުން އެ ހާމަކުރި އެންމެ ލަފްޒެއްގައިވެސް ރަޝްދާންގެ އިހްތިޔާރެއް ނެތެވެ.
ތެދުވެރިކަމެއް ނެތް ކޮންމެ ބުނުމެއްގައި ހުންނާނެ ނުތަނަވަސްކަން އޭނާގެ ކިބައިގައި މިވަގުތު އެބަހުއްޓެވެ. ރަޝްދާންގެ އެ އަމަލު ގަބޫލުކުރާން ފަސޭހައެއް ނުވި އެވެ.
ފެންނާން ނެތް ފަރުދާއެއް ނުވަތަ ހުރަސް ފާރެއް ދެމީހުންގެ ދެމެދުގައި ލެވިއްޖެ އެވެ. އެކަން އަހަންނަށް ޔަގީންކުރެވިއްޖެ އެވެ. އިތުބާރުގައި ރެނދު އަޅައިފި އެވެ. އުއްމީދުތަކުގައި މާޔޫސްކަމުގެ ހިޔަނި އެޅިއްޖެ އެވެ. އިތުރު އެއްޗެއް ބުނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ އެތަށް ވަގުތެއް ހޭދަކޮށްގެން ކުރެހި 'ފޮޓޯ' ގެންގޮސް އަލަމާރިއަށް ލީމެވެ. އަގެއް ނެތް އެއްޗެއް ގޭގެ ފަރުމާގައި ބޭނުންކުރާން ހިތް ނުރުހުނީ އެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ކައިވެންޏަށް ދެ އަހަރުވުމަށް އިރުއަރާން ތައްޔާރުވީ އެވެ. އަހަރެންގެ ކެތްތެރިކަމަށް އެހެން މީހަކު ތައުރީފު ނުކުރިޔަސް، އަހަރެންގެ ބަނޑުގައި ހެދިބޮޑުވަމުން އަންނަ ދަރިފުޅު އެކަން ބަލައިގަންނާނެ އެވެ. އަހަރެންގެ މި ދަރިފުޅަށްޓަކައި ރާބިތުގެ ހިތުގައި ލޯބި އުފެދިފައިވާތީ ނުހަނު އުފާކުރަމެވެ. ރަޝްދާންގެ ހިމޭން މިޒާޖު ބަދަލުވެ އޭނާގެ ލޯބީގައި އަހަރެން ފަނާކޮށްލައިފި އެވެ. އަހަންނަށްވުރެން އުފާވެރި އެހެން އަންހެނަކު މި ރަސްދޫގައި މިހާރު ނޫޅޭނެކަން ޔަގީނެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;