ads
ސުޕްރީމް ކޯޓް
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަތަކެއް
ރިޔާސީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަައެއް ހުށަހަޅައިފި އެވެ.
Advertisement

ރައީސް އޮފީހަށް ރައްދުވާ ގޮތަށް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާ ދެ މައްސަލައަކީ:

  • ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި

  • ހިޔާލު ހޯދުމުގެ ވޯޓަކީ ގާނޫނުއަސާސީއާ ހިލާފު ވޯޓެއް ކަމަށް ކަނޑައަޅައިދިނުމަށާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކޮށްދިނުމަށް އެދި

އޭގެ ތެރެއިން ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމުގެ މައްސަލަ ހުށަހެޅީ ގާނޫނީވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ އެވެ. އެ މައްސަލަ ހުށަހަޅުއްވާފައިވަނީ، ފެންނަ ނުފެންނަ ވޯޓުގައި އަހަން ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނުއަސާސީން ލާޒިމުކުރާ އުސޫލަށް ނުފެތޭ ސުވާލެއް ކަމަށް ވިދާޅުވެ އެވެ. 

ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ "ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯ އެވެ. 

އައިކު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގާނޫނު އަސާސީގައި އޮންނަނީ 262 ވަނަ މާއްދާގެ ށ. ގައި ބުނާ ކަންކަމަކަށް ބަދަލެއް ގެންނަނަމަ އެވެ. އެކަމަކު މިފަހަރު އަހާފައިވަނީ ގާނޫނު އަސާސީއަށް ގެނައި އިސްލާހެއް ތަސްދީގުކުރުމާ ބެހޭގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ މިފަދައިން އިސްލާހެއް ތަސްދީގުކުރުމާ ބެހޭގޮތުން ސުވާލުކުރީމަ ރައްޔިތުންނަށް އިތުރަށް އޮޅުންތަކެއް އަރާ. އަސްލު ހަގީގަތުގައި ވާން މި އުޅޭ ކަންތައް އެބަ އޮޅޭ،" އައިކު ވިދާޅުވި އެވެ.

ދެވަނަ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ. އަލީ ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފާސްކުރި ގާނޫނުއަސާސިއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައި، ފެންނަ ނުފެންނަ ވޯޓަކީ ގާނޫނުއަސާސީގެ 264 މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ފަސް އަހަރު. އުމުރަކަާށް ބަދަލެއް ނާދޭ، ބިލު ފާސްކޮށްފައި އޮތްގޮތުން ވެސް އުމުރަށް ބަދަލެއް ނާދޭ. މިހާރު އޮތް މަޖިލީހުގެ އުމުރު ކުރިވިޔަސް ދެން ހޮވޭ މަޖިލީހެއް ހޮވޭނީ ފަސް އަހަރަށް. އުމުރަށް ބަދަލެއް އައިކަމަށް ނުބެލެވޭނެ،" މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުުގައި އަލީ ހުސައިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ. މި ބިލު ތަސްދީގުކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވަނީ ފެބުރުއަރީ ޖެހިގެން އައި ދުވަހެވެ. އެއާއެކު މިދިޔަ މަހުގެ 16ވަނަ ދުވަހު ރައީސްވަނީ ފެންނަނުފެންނަ ވޯޓެއް ބާއްވަން ގަރާރު ނެރުއްވައިފަ އެވެ.

ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް އެމްޑީޕީން ވެސް ވަނީ މީގެ ކުރިން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ގައި ރެފެރެންޑަމް ވޯޓު ނަގާއިރު އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ވެސް ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. ކައުންސިލް އިންތިހާބާއި ރެފެރެންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;