މި މަޝްރޫއު ފެށުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވަނީ މޮނިއުމެންޓް މަތީގައި ލައިޓް ބޯޅައެއް ބަހައްޓަވައިގެން މި ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، ކުންފުނިތަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ކޮލެޖު ޔުނިވަސިޓީތަކާއި ސްކޫލުތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި އެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މުޖުތަމައުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އެކަކު އަނެކަކަށް ގަދަރާއި އިޙުތިރާމް ކުރުމުގެ ރީތި ސިފަ ހަރުދަނާކުރުމެވެ.
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" އެވެ. އިހުތިރާމް އަދާކުރުމުގެ ދުވަހެއް، ގައުމީ ފެންވަރުގައި "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު އެއް ފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މަޝްރޫއު އިފްތިތާހު ކުރާ ދުވަސްކަމުގައި ހަމަޖެއްސެވުމަށްވެސް ކެބިނެޓުން ވަނީ ނިންމައިފަ އެވެ.