ވަޒީރު މިހެން ވިދާޅުވީ، މުޖުތަމައުގައި އެކަކު އަނެކަކަށް ގަދަރުކުރުމުގެ އާދަ އަށަގެންނެވުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ފެށި "އިހުތިރާމް އަދާކުރުމުގެ ގައުމީ މަސްރޫއު" އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ހީނާ ވަލީދު ފާހަގަކުރެއްވި ގޮތުގައި، މިފަދަ މުހިންމު ހަރަކާތެއް ފެށުމުގެ މައިގަނޑު ބޭނުމަކީ ޒަމާނުއްސުރެ ދިވެހިންގެ ކިބައިގައި އަށަގެންފައިވާ އިސްލާމީ ރިވެތި އާދަތަކާއި އަހުލާގުގެ މިންގަނޑުތައް މުޖުތަމައުގައި އަލުން ދިރުވުމެވެ. އަދި މިއީ ގައުމުގެ މުސްތަގުބަލަށާއި އަންނަން އޮތް ޖީލުތަކުގެ ސަލާމަތަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންސާނީ ވަސީލަތް ބިނާކުރެއްވުމަށް ފެއްޓެވި ވަރަށް އަގުހުރި މަސައްކަތްޕުޅެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހިންގެ މާޒީއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ދަތުރުވެރިން އަބަދުވެސް ދިވެހިން ސިފަކޮށްފައިވަނީ ރިވެތި އާދަކާދަތަކާއި ތަހުޒީބީ ދިރިއުޅުމެއްގެ ވެރި ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ތަހުޒީބު ވަޒަންކުރެވެނީ ހަމައެކަނި ބިނާކުރެވޭ އުސް އިމާރާތްތަކާއި މަގުތަކުން ނޫން ކަމަށާއި، އޭގެ ހަގީގީ ބިންގަލަކީ މީހުންގެ އަހުލާގާއި، އެކަކު އަނެކަކާ މުއާމަލާތުކުރާ ރިވެތި ގޮތްތައް ކަމުގައި ފާހަގަކުރެއްވިއެވެ.
އިހުތިރާމަކީ މުޖުތަމައުގެ ފުރާނަ ކަމަށް ސިފަކުރައްވަމުން ވަޒީރު ވިދާޅުވީ، އެއީ އަނެކާގެ އިހުސާސްތައް ދެނެގަނެ، އިންސާނީ ކަރާމާތް ބަލައިގަތުމުން އުފެދޭ އެންމެ މަތިވެރި ސިފަ ކަމަށެވެ. މީގެއިތުރުން، އިހުތިރާމަކީ ފައިސާއިން އަގުނުކުރެވޭ، ދުލުން ބަޔާންކޮށްދޭން ދަތި އަގުބޮޑު ހަދިޔާއެއް ކަމަށާއި، މިފަދަ ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމައަކީ ނަސީބުވެރި މުޖުތަމައެއް ކަމަށް ވިދާޅުވިއެވެ.
މި މަސްރޫއުގެ އެންމެ ބޮޑު އެއް އަމާޒަކީ ޒުވާނުންނާއި ކުޑަކުދިންގެ ހިތްތަކުގައި އެކަކު އަނެކަކަށް ގަދަރުކުރުމުގެ އާދަ އަށަގެންނެވުން ކަމަށްވާއިރު، ހުރިހާ ރައްޔިތުންވެސް އިހުތިރާމް އަދާކުރާ މުޖުތަމައެއް ބިނާކުރުމުގައި ބައިވެރިވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.