ads
ޒިންމާތައް އެހެން ފަރާތަކަށް ދޭންހުށަހެޅީ މަކަރުވެރި ގަރާރެއް: ނ. އަތޮޅު ކައުންސިލް
ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ނ. އަތޮޅުގައި އަތޮޅު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) ގާއިމު ކޮށްފައިވާކަމަށް ނ. އަތޮޅު ކައުންސިލުން ބުނެފައި އެވެ.

ނ. އަތޮޅު ކައުންސިލުން މި ފަދައިން ބުނެފައިވަނީ، އެ އަތޮޅުގައި އިމަޖެންސީ ސެންޓަރެއް ހަދަން އަތޮޅު ކައުންސިލަށް ނ. އަތޮޅު ކައުންސިލްގެ ކެނދިކުޅުދޫ މެމްބަރު ވާސިފް އަހުމަދުގެ އެހީއާ އެކު ހުށަހެޅުމުން ކައުންސިލްގެ ރައީސް އަލީ ޒާފިރު އެ ހުށަހެޅުން ބަލައިނުގަތް ކަމަށް ވިދާޅުވެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓަށް ރައްދުދީ ނެރެފައިވާ ބަޔާނެއްގައެވެ. 

ނ. އަތޮޅު ކައުންސިލުން ބުނެފައިވަނީ ހުށަހެޅިި ގަރާރުގައި ބަޔާންކޮށްފައިވަނީ ކޮވިޑް19 އާއި ގުޅިގެން ނ. އަތޮޅުގައި އީއޯސީއެއް ހެދުމަށާއި އެ އީއޯސީގެ މެމްބަރުންނަކީ ޤަރާރާއި އެކު ވާ ލިސްޓްގައި ހިމެނޭ ފަރާތްތައްކަމަށާއި، ރިޔާސަތު ބަލަަހައްޓާނީ މެމްބަރުންގެ ވޯޓުން ހޮވޭ ފަރާތެއްކަމަށާއި، ސެންޓަރުގެ ނިންމުންތަކަކީ ކައުންސިލުގެ ނިންމުންތަކެއްކަމަށާއި، ނ. އަތޮޅު ރިލީފް ފަންޑު ޤާއިމުކޮށް އަތޮޅު ފަންޑުން ދެ މިލިއަން ރުފިޔާ ކަނޑައަޅައި، އިތުރު އެހީ ހޯދުމުގެ ބާރު އީއޯސީއަށް ދިނުމަށާއި، ކައުންސިލުގެ ވަސީލަތްތަކާއި ބެލެއްޓުމުގެ ދަށުގައިވާ ވަސީލަތްތައް އީއޯސީއަށް ދިނުމަށާއި، ކައުންސިލުން ނިންމަންދެން އީއޯސީގެ މަސައްކަތް ދެމިގެންދާނެ ކަމަށެވެ. 

"އިސްވެ ދެންނެވުނު ކަންކަމަކީ މި ކައުންސިލަށް ލިބިގެންވާ ޤާނޫނީ ބާރުވެރިކަމާއި، ކައުންސިލުގެ އެންމެހާ ޒިންމާތައް އެހެން ފަރާތަކަށް އަނބުރާލުމަށް ހުށަހަޅާފައިވާ މަކަރުވެރި ޤަރާރެއް ކަމުގައި މި ކައުންސިލުން ދެކެމެވެ."

މީގެ އިތުރުން ނ. އަތޮޅު ކައުންސިލުން ބުނެފައިވަނީ، ގަރާރުގައި ބަޔާންކޮށްފައިވާ ކަންކަމަކީ އިދާރީ ދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލަށް ކުރެވޭނޭ ކަމެއްކަމުގައި ނުދެކޭކަމަށެވެ. އަދި ރައްޔިތުން އިންތިހާބު ކޮށްފައިވާ ކައުންސިލަރުންނަށް މަތިކޮށްފައިވާ ޒިންމާރައް އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލާ ޒިންމާއިން ރެކިގެން ތިބެވިދާނެކަމަށް ވެސް ނުދެކޭކަމަށެވެ. 

މީގެ އިތުރުން އެ ކައުންސިލުން ބުނެފައިވަނީ، އެލްޖީއޭގެ ކަރުދާހާއި އެއްގޮތަށް ނ. އަތޮޅު އީއޯސީ އުފައްދާ އެ ސެންޓަރުގެ މަސައްކަތްތަކަށް އެހީވުމަށް ދެ މިލިއަން ރުފިޔާ ހަރަދުކުރުމަށް ފާސްކޮށްފައިވާކަމަށެވެ. 

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ލިސްޓުގައި ވާ ގޮތުން، ނ. އަތޮޅުގައި މޮނީޓަރިންގެ ހާލަތުގައި އޮތީ މަނަދޫ އެކަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް