ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް އަލީ އާދަމް "ސީއެންއެމް" އަށް ވިދާޅުވީ މި ރޯދަ މަހު އެވަރެޖްކޮށް ދުވާލަކު 10 ޓަނާއި 12 ޓަނާ ދެމެދުގެ އަދަދަކަށް ކަރާ ބާޒާރަށް ނެރެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މުޅި ރޯދަ މަހަށް ބަލާއިރު އެއީ 300 ޓަނަށް ވުރެ ގިނަ ކަރަ އެވެ.
އަލީ އާދަމް ވިދާޅުވި ގޮތުގައި ތޮއްޑޫއިން މި ރޯދަ މަހު ވެސް ގާތްގަނޑަކަށް މިދިޔަ އަހަރުތަކެކޭ އެއް މިންވަރަކަށް ކަރާ ބާޒާރަށް ނެރެފައިވެ އެވެ. އޭނާ ވިދާޅުވީ ކައުންސިލްގެ ދައުރަކީ ދަނޑުވެރިންނަށް ބިން ދޫކުރުމާއި، ދަނޑު ހެއްދުމަށް ތާރީހު ކަނޑައެޅުން ކަމަށެވެ. އަދި ކަރާ ބާޒާރަށް ނެރުމުގެ މަސައްކަތުގައި ކައުންސިލްގެ ބައިވެރިވުން ނޯންނާތީ، ބާޒާރަށް ނެރުނު ކަރާގެ ސީދާ އަދަދުގެ ތަފްސީލެއް ކައުންސިލަށް ނޭނގޭ ކަމަށް އަލީ އާދަމް މައުލޫމާތު ދެއްވި އެވެ.
އަލީ އާދަމް ވިދާޅުވީ ރޯދަ މަހު ތޮއްޑޫއިން ކަރާ ފޮނުވަނީ ހަމައެކަނި މާލެއަށް ނޫން ކަމަށާއި، އަތޮޅުތެރޭގެ އެހެން ރަށްތަކަށް ވެސް ކަރާ ގެންގޮސް ވިއްކާފައިވާ ކަމަށެވެ.
އއ. ތޮއްޑޫ - ފޮޓޯ: ޓްރިޕް އެޑްވައިޒަރ
މީގެ އިތުރުން، ރޯދަ މަސް ފެށުނު އިރު ތޮއްޑޫ ކަރާގެ އަގު ދަށް ނަމަވެސް، ފަހު 10 ގައި ކަރާގެ އަގު ރަނގަޅުވި ކަމުގައި އަލީ އާދަމް ފާހަގަކުރެއްވި އެވެ. އަދި ޖުމްލަކޮށް މި ރޯދަ މަހު ކަރާގެ އަގު މިދިޔަ އަހަރާ އަޅާ ބަލާއިރު ރަނގަޅުކަމުން، މިފަހަރު ދަނޑުވެރިންނަށް ލިބޭ އާމްދަނީ ރަނގަޅުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ރޯދަ މަސް ފެށުނު އިރު ތޮއްޑޫ ކަރާގެ އަގު ހުރީ 20ރ. އާއި 25ރ. އާ ދެމެދުގެ އަގެއްގަ އެވެ. އޭގެފަހުން ކަރާ ކިލޯއެއްގެ އަގު 35ރ. އަށް އެރުމަށްފަހު، ރޯދަ މަހުގެ ފަހު 10 ގައި ވެސް ކަރާގެ އަގު ހުރީ ރަނގަޅު ވަރެއްގައި ހިފެހެއްޓިފަ އެވެ.
ތޮއްޑޫއަކީ ކަރާ ހެއްދުމަށް މުޅި ރާއްޖެއަށް މަޝްހޫރު ރަށެކެވެ. ބިން ތަނަވަސް ތޮއްޑޫގެ ބޮޑު ސަރަހައްދެއް ދަނޑުވެރިކަމަށް ދޫކޮށްފައިވާ އިރު، ކަރާގެ ވިޔަފާރީން ތޮއްޑޫގެ ދަނޑުވެރިންނަށް ރަނގަޅު ފައިދާއެއް ލިބެ އެވެ. އެރަށުގެ ރައްޔިތުން ރޯދައަށް ދަނޑު ހެއްދުމަށް އާންމުކޮށް 2،112،000 އަކަފޫޓުގެ ބިން ދޫކުރާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;